ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށައިފިއެވެ.

ނިއު އިން މައުލޫމާތު ދިންގޮތުގައި، ރޭ ވަނީ ޓީމްގެ ޕްރެކްޓިސްތައް ރަސްމީކޮށް ފަށާފައެވެ. ކުރިޔަށް އޮތް ދެވަނަ ޑިވިޒަންގެ މުބާރާތްތަކުގައި ބައިވެރިވުމަށް ނިއުއިން ނުކުތުމަށް ތައްޔާރުވަމުން ދާއިރު، އެ ޓީމާއި އަލަށް ގުޅުނު ބިދޭސީ ތިން ކުޅުންތެރިންވެސް ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.

ނިއުގެ ރަސްމީ ޕްރެކްޓިސްތައް ފެށުމާއި ގުޅިގެން، ނިއުގެ އާ ހިންގާ ކޮމެޓީގެ ޗެއަރމަން އަޙްމަދު ވާސިފް ވިދާޅުވީ، ޕްރެކްޓިސްތައް މިހާރު ފެށިފައިވާއިރު އެންމެ އިސްކަމެއް ދީގެން މިހާރު ކުރިޔަށްދަނީ މާކެޓިންގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން އަމިއްލަ ކުންފުންޏަކާ ހަވާލު ކޮށްގެން ޖާޒީ ވިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ކްލަބުން ބުނެފައި ވެއެވެ.

ވާސިފު ވިދާޅުވީ، ކުރު މުއްދަތެއްގައި ދަރަނީގެ ކަންކަން ނިންމާ ޓީމް ސަލާމަތް ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮއްޓަވައިދެއްވި މަގުން ހިނގުމުން ކަމަށެވެ. އަދި ރައީސް ފަހިކޮށްދެއްވި ކަންކަން ފަހިވެގެން ނުދިޔަނަމަ މިއަދުވެސް ނިއު އަދި ވެސް ކުޅިވަރުގެ މައިދާނުން ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޞާލިޙަށް ވާސިފް ވަނީ ހާއްސަ ޝުކުރެއް އަދާކުރަށްވާފައެވެ. އަދި އެ ޝުކުރުގައި ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރުގެ ނަން ވެސް ފާހަގަ ކުރައްވާ ވާސިފް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސަމީރު ވެދެއްވި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާކަމަށެވެ.

މީގެ އިތުރުންވެސް، ނިއުއިން މުސާރަ ދޭންޖެހި ނުދެވި ތިބި ދިވެހި އޮފިޝަލުންނާ ކުޅުންތެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރު ލުމަށް ކްލަބަށް މިދެއްވި އެހީތެރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މުސާރައިގެ މައްސަލަ ނުޖައްސާ މިހާހިސާބަށް ތިބި ފަރާތްތަކުން އެ މައްސަލަ ޖެއްސިނަމަ ސަސްޕެންޝަނުން އަރައިގަތުމަށް އިތުރަށް ދަތިވީސް ކަމަށާއި ނަމަވެސް، މައްސަލަ ނުޖައްސާ އެހާ ގިނަ ދުވަހު ތިއްބެވިކަމަށްޓަކައި ވަފިރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ވާސިފް ވިދާޅުވީ، ނިއު އިން އެ އޮފިޝަލުންނާ ކުޅުންތެރިން މަތިން ހަނދާން ނައްތާ ނުލާނެކަމަށާއި އެފަރާތްތަކަށް ދޭންޖެހޭ އުޖޫރަ އަދާކުރާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

ދަރަނީގެ މައްސަލާގައި ސަސްޕެންޑް ކޮށްފައި އޮތުމަށްފަހު ނިއުގެ ސަސްޕެންޝަން އެފްއޭއެމުން އުވާލާފައިވަނީ 3 އަހަރު ފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު


1

އިސްމާއީލު ނަސީމު

02-Jul-2022

އަޅުގަނޑަކީ އަބާރުވެސް ނިޔުއަށް ސަޕޯޓުކުރާ މީހަކީމެވެ



ޓްރެންޑިން