ތަކެތީގެ އަގުތައް ހަލުވިކަމާއެކު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ލަންކާއިން ފައިސާ ޗާޕުކުރުން މުޅިން ހުއްޓާލާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ 22 މިލިއަން މީހުންގެ އާބާދީއެއް އޮތް ސްރީލަންކާގައި ހުސްވި ދިހަވަރަކަށް އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާއިރު، އިގްތިސާދު ރަނގަޅަށް މެނޭޖް ނުކުރެވުމާއި، ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމަށް ކުރިމަތިވި ޑޮލަރުގެ ބޮޑު ދަތިކަމުގެ ސަބަބުން ޒަރޫރީ އިމްޕޯޓްތަކަށް ފައިސާ ނުދެއްކޭތާވެސް އެތައް މަސްތަކެއް ވެއްޖެ އެވެ.

މިއާއެކު މިދިޔަ އަހަރާއި އަޅާބަލާއިރު ހުސްވި ޖޫން މަހު ކޮންސިއުމަރ އަގުތައް 54.6 ޕަސެންޓް މައްޗަށް ގޮސްފައިވެއެވެ. އަދި ދަތުރުފަތުރުގެ އަގު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު 128 ޕަސެންޓް އަދި ކާބޯތަކެތީގެ އަގު 80 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ.

އެގޮތުން ތަކެތީގެ އަގުތައް ހަލުވިކަމާއެކު ބޮޑުވުން ކޮންޓްރޯލްކޮށް ފައިސާ ޗާޕު ކުރުން ހުއްޓާލައިފިނަމަ އިންފްލޭޝަން ދައްކުރެވޭނެކަމަށް، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ލަންކާގެ ބޮޑުވަޒީރު ފާހަގަކުރައްވާފައިވެެއެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ އިންފްލޭޝަން ކޮންޓްރޯލް ކުރުން. މިއަހަރު ނިމޭއިރު އިންފްލޭޝަން 60 ޕަސެންޓަށް އަރާނެ،" ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވި އެވެ.

"2023 ވަނަ އަހަރު އަޅުގަނޑުމެންނަށް މަޖުބޫރުވޭ އެތައް ހުރަސްތަކާއެކުވެސް ފައިސާ ޗާޕްކުރަން. އެކަމަކު 2024 ވަނަ އަހަރު ނިމޭއިރު އަޅުގަނޑުމެންގެ ވިސްނުމަކީ ފައިސާ ޗާޕުކުރުން މުޅިން ހުއްޓާލުން."

ވިކްރަމަސިންހަ އެ ފިޔަވަޅުތައް އަޅަން ރާވާފައިވާކަން އިއުލާން ކުރެއްވީ މިދިޔަ ހަފްތާގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު ކުރިއަށް ގެންދިޔަ ބެއިލްއައުޓް މަޝްވަރާތަކަށް ފަހުއެވެ.

މެއި މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އަދި ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވަމުންގެންދަވާ ބޮޑުވަޒީރު ވިކްރަމަސިންހަ ވިދާޅުވީ އެ ޕްލޭންގެ މަގުސަދަކީ 2025 ވަނަ އަހަރުގެ ނިޔަލަށް އިންފްލޭޝަން ރޭޓް 4 އާއި 6 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްކުރުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު