އަހަރުގެ ވިއްސާރަ މޫސުމާ ދިމާކޮށް މެދުކެނޑުމެއްނެތި އިންޑިއާގެ އިގްތިސާދީ މައި ހަބް ކަމަށްވާ މުމްބާއީއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ކާރިސާތަކާއެކު އެތައް ބައެއްގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަަމަށް ރިޕޯޓުކޮށްފިއެވެ.

މެދުކެނޑުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ މުމްބާއީގައި ފެންބޮޑުވުމުގެ ސަބަބުން މުމްބާއީގެ ގިނަ ސަރަހައްދުތަކެއްވަނީ ކަކުލާހަމައަށް ފުންމިނަށް ފެންބޮޑުވެފައެވެ. ފެންބޮޑުވުމާއިއެކު މުމްބާއީގެ ދަތުރުފަތުރުގެ ނިޒާމުގެ ލައިފްލައިންކަމަށްވާ ރޭލު ދަތުރުފަތުރުތަކަށްވެސް ބުރޫއަރާ، އާންމުކޮށް ހަލަބޮލިކޮށްއޮންނަ ސިޓީ ވަނީ މިހާރު ހުއްޓުމަކަށްވެސް އައިސްފައެވެ.

އަދި މިހާތަނަށް އެއްވެސް މީހެއްގެ ފުރާނައައް ގެއްލުމެއް ނުވިނަމަވެސް އިންޑިއާގެ މޫސުމާ ބެހޭ ޑިޕާޓްމަންޓުން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ބޯކޮށް ވާރޭވެހި އިތުރަށް ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް އެ ސިޓީއަށާއި އަވަށްޓެރި ޑިސްޓްރިކްޓްތަކަށް އޮރެންޖް އެލާޓެއް ނެރެފަ އެވެ.

މީގެއިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ ޓީމުތައް، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ކާރިސާ ތަކުގައި އާންމުންނަށް އެހީވުމަށް ޑިޕްލޮއިކޮށްފައިވެއެވެ.

މުމްބާއީ ސިޓީ ހިމެނޭ މަހާރާޝްތުރާ ސްޓޭޓަކީ އަހަރުގެ ވިއްސާރަ މޫސުމާ ދިމާކޮށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ކާރިސާތައް ގިނަ ސްޓޭޓެކެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ވިއްސާރަ މޫސުމާ ދިމާކޮށް ވާރޭ ވެހުން ގަދަވެ، މަގުތަކާއި ގެދޮރުތައް ފެންބޮޑުވެ، މަގުމަތީ ޓްރެފިކް ކޮންޓްރޯލް ކުރުމަށްވެސް އުނދަގޫ ވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން