މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު މި އެމްއޯޔޫގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީއެވެ.

މި އެމްއޯޔޫގެ މަޤްޞަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫންގެ 21 ވަނަ މާއްދާ އާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ޙާލަތުގައި، އެއްވެސް ތަފާތުކުރުމެއް ނެތި ކުއްޖާގެ އުމުރުފުރާއާ ގުޅޭގޮތަށް ކުއްޖާއަށް ތަޢުލީމު ލިބިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި އެމްއޯޔޫގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ 01 މަސް ދުވަސް ތެރޭގައި އެމްސީއެސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތަޢުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުން ހިމެނެއެވެ.

އަދި އެސެސްމަންޓްގެ ރިޕޯޓް ތައްޔާރުކުރުމަށްފަހު އެ ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލަރނިންގ ޕްލޭން ތައްޔާރުކުރުމާއި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

އަދި އެމްސީއެސްގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ޢިނާޔަތްދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުމާއި މުދައްރިސުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުށްކުރާ ކުޑަކުދިންނަށް ޤާނޫނުން ލިބިދޭ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އެމްސީއެސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެ ކުދިން ބޭތިއްބުމަށް އެމްސީއެސްއިން ވަނީ 30 ޖަނަވަރީ 2022 ގައި އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރއެއް ހުޅުވާފައެވެ.

މި ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ޤާއިމްކުރެވިފައިވާ ސެންޓަރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން