ކުރިއަށް އޮތް ދެއަހަރު ދުވަސް ތެރޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން އެންޑެމިކް ސްޓޭޓަސްއަށް ބަދަލުވެ، ދުނިޔެ ކަންބޮޑުވާފަދަ ބަލިމަޑުކަމަކަށް ނުވުން އެކަށީގެންވާ ކަމަށް ޔޭލްގެ އާ ދިރާސާއަކުން ދައްކައިފި އެވެ.

މިދިރާސާ ހެދުމަށް ޔޭލް ޔުނިވަރސިޓީގެ ސައިންސްވެރިންތަކެއް ވަނީ، އިންސާނުންނާ އެއްވަރަށް ކޮރޯނާވައިރަސް އަށް ފައްސިވާ މީދަލުގެ މައްޗަށް ތަހުލީލުތަކެއް ހަދައި ކޮވިޑް-19 ގެ ބަލިމަޑުކަން ބަދަލުވެގެންދާނެ ގޮތްތަކަށް ބަލައިގެން ނެވެ. އެގޮތުން ޕީއެންއޭއެސް ނެކްސަސް ޖާނަލްގައި އަންގާރަ ދުވަހު ޝާއިއުކުރި ދިރާސާގައި ޔޭލް ޔުނިވާސިޓީގެ ދިރާސާވެރިން ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ކޮވިޑް-19 އެންޑެމިކް ސްޓޭޓަސްއަށް ބަދަލުވެގެންދާތަން ފެނިދާނެ ކަމަށް އިޝާރާތްކޮށްފަ އެވެ.



އެންޑެމިކް އަކީ އެއްގޮތަކަށްވެސް ނުފެންނަ ނަމަވެސް ހަމައެކަނި ވަކި ސަރަހައްދަކަށް ނިސްބަތްވާ ބައްޔެއްގެ ހާލަތެވެ. މިކަމުގެ ސަބަބުން ތަޖުރިބާކާރުންނަށް އެބަލި ފެތުރޭނެ ގޮތް ލަފާކޮށް ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެންދެއެވެ.

ހިމަބިއްސަކީ އެންޑެމިކް ބައްޔެއްގެ މިސާލެކެވެ. އެއީ ހަމައެކަނި ވަކި ޤައުމުތަކާއި ސަރަޙައްދުތަކެއްގައި އުޅޭ ބަލިމަޑުކަމެއް ކަމަށާއި، މިއީ ދުނިޔެއަށް ނުރައްކަލެއް ނޫން ކަމަށް ކޮލަމްބިއާ ޔުނިވަރސިޓީން ބުނެއެވެ. އެގޮތުން އާންމު ރޯގާ އާއި ހިމަބިހި ފަދަ ބަލިތަކަކީ ވެސް އެންޑެމިކް ބަލިތަކެއް ކަމަށް ވަނީ ނިންމާފައެވެ. ގިނަ ބަޔަކަށް ދޭތެރެ ދޭތެރެއިން އެ ބަލިތައް ޖެހުނު ނަމަވެސް، ހާއްސަކޮށް އެކަމާ ދެކޮޅަށް ސީޒަނަލް ވެކްސިންތައް ލިބެން ހުރުމުން އެއީ އެހާ ގެއްލުން ހުރި އެއްޗެއް ނޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ނޭޝަނަލް ސައިންސް ފައުންޑޭޝަނުން ހަރަދުކޮށްގެން ޔޭލް ޔުނިވަރސިޓީއިން ކުރިއަށް ގެންދިޔަ މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޔޭލް ޔުނިވަރސިޓީގެ ސައިންސްވެރިޔާ ކެރޮލައިން ޒެއިސް އާއި އޭނާގެ އެކުވެރި ސައިންސްވެރިން ވަނީ ކޮވިޑް ފެތުރޭ ރޭޓް ޕޮޕިއުލޭޝަން މެދުވެރިކޮށް އާންމު ރޯގާ ޖެހޭ ވައިރަހާއި އެއްފަދައިން ކޮރޯނާ ވައިރަސް އިންސާނުންގެ ހަށިގަނޑަށް އެތެރެވާ ގޮތް ބަލާފައެވެ.

އެމީހުން ކޮވިޑް ބައްޔަށް ހުށައެޅޭ ސިނާރިއޯ މޮޑެލްކޮށްފައިވަނީ އެމެރިކާގައި ދިރިއުޅޭ މީހުން ކޮވިޑް ބައްޔަށް ހުށައެޅޭ ހާލަތްތަކުގެ މައްޗަށެވެ. އެގޮތުން ގިނަ ބަޔަކު މިހާރުވެސް ކޮވިޑް-19 އަށް ވެކްސިން ޖަހާފައިވާއިރު އަނެއް ބަޔަކު ބަރޯސާވެފައިވަނީ އެމީހުންގެ ގުދުރަތީ ދިފާޢީ ބާރުގެ މައްޗަށްކަމަށްވެސް މިދިރާސާ ހޯދުންތަކުން ފާހަގަވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން