ހޮނިހިރު ހޫނުވި މުޒާހަރާގެ ތެރެއިން
ހޮނިހިރު ހޫނުވި މުޒާހަރާގެ ތެރެއިން
ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގެންނެވުމާއެކު، އިގްތިސާދީ ހާލަތު ދައްވެފައިވާ ސްރީލަންކާގެ މަގުތައް ހަލަބޮލިކޮށްލި މުޒާހަރާތަކުގެ ބައިވެރިން އުފާފާޅު ކުރުމަށްފަހު މުޒާހަރާތައް ނިންމައި މަގުތައް އަމާންކޮށްލައިފިއެވެ.

ހޮނިހިރު ދުވަހު ހޫނުވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅަށް އެތައް ހާސް ބަޔަކު ވަދެފައިވާއިރު، އަނެއް ބަޔަކު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އަމިއްލަ ގެކޮޅުގައި އަލިފާން ރޯކޮށްލައި، ރައީސާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ގޮވަމުންދިޔައެވެ.

މިއާއެކު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި ހުރިހާ ޕާޓީއެއް ހިމެނޭ އާސަރުކާރެއް އެކުލަވާލުމަށް ޖާގަ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައިވެއެވެ. އަދި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ. ރައީސް އިސްތިއުފާ ދެއްވާނީ އަންނަ ބުދަދުވަހު ކަމަށްވެސް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ.

ލަންކާގެ އިގްތިސާދީ ހާލަތު ދަށަށް ދިއުމުގެ ސަބަބެއް ކަމުގައި ގިނަބަޔަކު ތުހުމަތު ކުރަނީ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ މައްޗަށެވެ. އެގޮތުން މިއަހަރު މާޗް މަހުން ފެށިގެން، އެމަނިކުފާނު އިސްތިއުފާދެއްވުމަށް ސުލްހަވެރި މުޒާހަރާތަކުގައި ދަނީ ޑިމާންޑްކުރަމުންނެވެ.

ލަންކާގެ އިގްތިސާދީ ހާލަތު ބޮޑަށް ދަށަށް ދާން މެދުވެރިވީ ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގްތިސާދަށް އެރި ލޮޅުމާއެކުއެވެ. އެކަން އިތުރަށް ގޯސްވެފައިވަނީ ސަރުކާރުގެ ބޮޑުވަމުން ދިޔަ ދަރަނިތަކާއި، ތެލުގެ އަގު އުފުލުމާއި، އަދި ކެމިކަލް ފާޓިލައިޒަރ އެތެރެކުރުން މަނާކުރުމުގެ ސަބަބުން ދަނޑުވެރިކަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމުންނެވެ. ދަނޑުތައް ހަލާކުވެ އެކަމާ މެދު އާންމުންގެ ކަންބޮޑުވުން އިތުރުވެ ފާޓިލައިޒަރ އެތެރެކޮށް ބޭނުންކުރުން މަނާކޮށްފައި އޮތް ގަވާއިދު ހުސްވި އަހަރު ނޮވެމްބަރު މަހު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އިގްތިސާދީ ހާލަތު ދައްވެ، ބޭހާއި ތެލަށާއި ކާބޯތަކެއްޗަށް ޖެހިފައިވާ ލަންކާގެ ރައީސާއި ބޮޑުވަޒީރު، ރައްޔިތުން އެދޭގޮތަށް އިސްތިއުފާ ދެއްވަން ތައްޔާރުވެފައިވާނަމަވެސް، މިމަގާމުތައް ފުރުއްވާނެ ފަރާތްތަކެއް އައްޔަނު ކުރެވެންދެންވެސް މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް އަދި ޔަގީން ނުވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން