މުޒާހަރާގެ ބައިވެރިވާ ލަންކާގެ އާންމުންގެ ތެރެއިން އެއްްބަޔަކު ރައީސް ގޮޓަބަޔަގެ އެނދުކޮޅުމަތީ.
މުޒާހަރާގެ ބައިވެރިވާ ލަންކާގެ އާންމުންގެ ތެރެއިން އެއްްބަޔަކު ރައީސް ގޮޓަބަޔަގެ އެނދުކޮޅުމަތީ.
ލަންކާގެ ރައީސާއި ބޮޑުވަޒީރު ރަސްމީކޮށް އިސްތިއުފާ ދެއްވަންދެން ލަންކާގެ ރައީސްގެ ގެކޮޅާއި ބޮޑުވަޒީރުގެ ގެކޮޅު ހުންނާނީ ހިސޯރު ކޮށްފައި ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ހޫނުވެގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅަށް އެތައް ހާސް ބަޔަކު ވަދެފައިވާއިރު، އަނެއް ބަޔަކު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ގެކޮޅު ހިސާރުކޮށްފައެވެ.

އަދި ލަންކާގެ ރައީސާއި ބޮޑުވަޒީރު ރަސްމީކޮށް އިސްތިއުފާ ދެއްވަންދެން ބޮޑުވަޒީރާއި ރައީސްގެ ގެކޮޅު ހިސޯރުކުރަން މިހާރު ނިންމާފައިވަނީ ދެބޭފުޅުންވެސް މަގާމުން އިސްތިއުފާ ދެއްވާނެ ކަމުގެ ޔަގީންކަން ނެތުމުންކަން މުޒާހަރާގެ ބައިވެރިން ބުނަމުންދެއެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮނިހިރު ދުވަހު ކުރެއްވި އިއުލާނެއްގައިވާ ގޮތުން ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ވަނީ 13 ޖުލައިގައި މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ގޮޓަބަޔަ ވީތަނެއް މިހާތަނަށް ސާފުވެފައި ނުވާއިރު ރައީސްގެ އެފަދަ ބަޔާނެއްވެސް މިހާތަނަށް ނެރެފައެއް ނުވެއެވެ.



https://www.facebook.com/vtvmv/videos/725181318748922/

ލަންކާގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާގޮތުގައި ހޮނިހިރު ދުވަހު ހޫނުވި މުޒާހަރާގެ ކުރިން އެމަނިކުފާނުގެ ގެކޮޅުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށް އަދި މިހާރު ހުންނެވީ ސްރީލަންކާ ކަނޑުގެ ސަރަހައްދުގައި އޮތް ކަނޑުގެ ސިފައިންގެ ބޯޓެއްގައެވެ.

މީގެއިތުރުން މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ހޮނިހިރު ދުވަހު ހިނގި މުޒާހަރާތަކުގެ ތެރެއިން އެމަނިކުފާނުގެ ގެކޮޅުގައި އަލިފާން ރޯކޮށްލުމާއެކު، މަގާމުން ވަކިވެވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވާފައެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން އަދިވެސް ދަނީ ލަންކާގެ ވެރިންގެ ނިޔަތާ މެދު ޝައްކު އުފައްދަމުންނެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް އަދި ނުނިމޭ. ރައީސް ގޮޓަބަޔަ ހަގީގަތުގައިވެސް މަގާމުން ވަކިވެވަޑައިގަންނަވަންދެން އަޅުގަނޑުމެން މި މަސައްކަތުން އަތް ދޫކޮށްނުލާނަން،" މުޒާހަރާގެ ބައިވެރިންގެ ތެރެއިން ސްޓޫޑެންޓުންގެ ލީޑަރު ލާހިރު ވީރާސެކަރާ ބުނެފައިވެއެވެ.

"ކުރިއަށް އޮތް ދެތިން ދުވަހަކީ ސިޔާސީ ގޮތުން ދެން ވާނީ ކިހިނެއްކަމާމެދު އިންތިހާއަށް ޔަގީންކަން ނެތް ދުވަސްތަކެއް." ޕޮލިޓިކަލް އެނަލިސްޓު އަދި އިންސާނީ ހައްގުތަކާ ބެހޭ ވަކީލު ބަވާނީ ފޮންސެކާ ރޮއިޓާސްއަށް ވިދާޅުވި އެވެ.

މިކަންކަމާހެދި ހޮނިހިރު ދުވަހު ރައީސްގެ ގެކޮޅަށް ވައިން މުޒާހަރާގެ ބައިވެެރިން ދަނީ ރައީސް އިސްތިއުފާ ދެއްވަންދެން އެގެކޮޅު ހިސޯރުކުރަމުންދާނެކަމަށް ބުނަމުންނެވެ. އެގޮތުން މުޒާހަރާގައި ބައިވެރިވާ ލަންކާގެ އާންމުންގެ ތެރެއިން އެއްްބަޔަކު ކައިބޮއެ ނިދާ ހަދަނީވެސް ރައީސް އަދި ބޮޑުވަޒީރުގެ ގެކޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން