ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ލަންކާގެ ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވަން މަސައްކަތްކުރައްވާނެކަމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރުދަނަ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި މިއަދު ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރުދަނަ ވިދާޅުވީ ލަންކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ އިއްޔެ ސޮއިކޮށްފައި ފޮނުވާފައިވާ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާކަމަށެވެ. އަދި ލަންކާގެ ރައީސްގެ އިސްތިއުފާ ގަބޫލުކުރަށްވާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ. ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރެވެންދެން އެމަޤާމު ވަގުތީގޮތުން ފުރުއްވާނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަބޭވަރުދަނަ ވިދާޅުވީ މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ރައީސަކު އައްޔަންކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާނެކަމަށެވެ. އަދި ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ލަންކާގެ ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެވިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަބޭވަރުދަނަ ވިދާޅުވީ ރައީސަކު އައްޔަންކުރުމުގެ މަސައްކަތަށް ހުރިހާ ޕާޓީއަކުންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނަވާނެކަމަށެވެ.

ލަންކާ ބޮޑު ހަމަނުޖެހުމަކަށް ދިޔައީ އެ ޤައުމުގެ ސަރުކާރުން ގެންގުޅުނު ދޯހަޅި ސިޔާސަތުތަކެއްގެ ސަބަބުން އިޤްތިޞާދު އިނދަޖެހި، ޤައުމު ބަނޑަށް ޖެހުމުންނެވެ. އެއާއެކު ރައްޔިތުން ނިކުމެ ވަނީ ސަރުކާރު ވައްޓާލާފައެވެ. އަދި އެ ޤައުމުގެ ރައީސަކަށް ހުންނެވި ގޮތަބަޔާ އިސްތިއުފާދެއްވީވެސް ފިއްލަވައިގެން ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން