ރަސްފަރީ ފަރަށް ލިބިފައިވާ ގެއްލުން އިއާދަކުރުމަށް އެފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް، ބޯޓު ރަސްފަރި ފަރަށް އަރާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ބޯޓް ފަރަށް އެރުމާއި ގުޅިގެން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުން އެ ކުންފުނިން ވަނީ އެފައިސާ އީޕީއޭ އަށް ދައްކާފައެވެ.

ދައުލަތުގެ މީޑީޔާގައި ރޭ ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ޖޫރިމަނާ ފައިސާގެ ތެރެއިން ރަސްފަރީ ފަރު އަލުން އިއާދަ ކުރުމަށް ވަކި މިންވަރެއް ކަނޑައަޅާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި، އެގޮތުން ރަސްފަރީ ފަރުގައި އަލުން މުރަކަ އިންދުމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ޖޫރިމަނާ ކޮށްގެން ދައުލަތަށް ލިބޭ ފައިސާ ފަރުތައް އިއާދަކުރުމަށް ބޭނުންކުރުމަކީ މީގެ ކުރިން ސަރުކާރުން ކުރި ކަމެއް ނޫން ކަމަށެވެ. މިއީ ސަރުކާރުން އަލަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެެ.

"އެމަސައްކަތް ކުރުމަށް ގަންނަން ޖެހޭ އެއްޗެހި ހުށައަޅައި ފާސްކޮށް ޕްރޮކިއުމަންޓްގެ މަސައްކަތް މިކުރަނީ. އަޅުގަނޑުމެން މި އުއްމީދުކުރަނީ ޕްރޮކިއުމަންޓްގެ މިކަންތައްތައް ނިމި ބޭނުންވާ ސާމާނުތައް ލިބުމާއެކު ރަސްފަރީ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިގަންނަން،" ނައީމް ވިދާޅުވިއެވެެ.

ފަރުތަކަށް ލިބޭ ގެއްލުންތައް އިޢާދަކުރުމަށްޓަކައި ސަރުކާރުން ވަނީ ރެސްޓޮރޭޝަން ޓްރަސްޓް ފަންޑްގެ ނަމުގައި ފަންޑެއް ހުޅުވާފައެވެ. ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް، ބޯޓު ރަސްފަރި ފަރަށް އަރާފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނަސަންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ.

އޤއެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލަކީ 893،736،800 ރުފިޔާ ކަމަށް އީޕީއޭއިން ވަނީ ކަނޑައަޅާފައެވެެ. އެހެން ނަމަވެސް ފަރަށް ލިބޭ ގެއްލުމަށް 100 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ޖޫރިމަނާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަދުކަމަށްވާ 100 މިލިއަން ރުފިޔާއިން ބޯޓުގެ ވެރި ފަރާތް އީޕީއޭއިން ވަނީ ޖޫރިމަނާކޮށްފައެވެ.

ފަރުތަކަށް ލިބޭ ގެއްލުންތައް އިޢާދަކުރުމަށްޓަކައި ސަރުކާރުން ވަނީ ރެސްޓޮރޭޝަން ޓްރަސްޓް ފަންޑްގެ ނަމުގައި ފަންޑެއް ހުޅުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު