ލަންކާގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އެ ގަައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓަށް ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަގެ ނަން ހުށަހެޅުމަށް ވެރިކަމުން ފޭބި ރާޖަޕަކްސަގެ އާއިލާ ނިސްބަތްވާ އެސްއެލްއެލްޕީން ނިންމައިފިއެވެ.

ގައުމުގެ ކަންކަން ބޮއްސުންލައިގެން ގޮސް، ރައްޔިތުން ބޮލަށް އަރައިގަތުމުން ލަންކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އޭގެ ކުރިން ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަވެސް ވަނީ އިސްތިއުފާދެއްވާފައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ އައު ރައީސެއް އިންތިހާބުކުރުމުގެ މަސައްކަތް ފަށާފައެވެ. އައު ރައީސެއް އިންތިހާބުކުރާނީ ލަންކާގެ ގާނޫނުގެ ހަދާ މަޖިލީހުގެ 224 މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ލަންކާގެ ގާނޫނު ހަދާ މަޖިލީހުން މަސައްކަތް ކުރަނީ އަންނަ ބުދަދުވަހު މި ވޯޓް ނެގުމަށެވެ.

ބައެއް ފަރާތްތަކުން މިހާރު ވަނީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ. އެގޮތުން އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދޭސާއާއި ކުރީގެ އަސްކަރީ ޖެނެރަލް ފޮންސޭކާ ހިމެނެއެވެ. ފުލް މެޖޯރިޓީ ނެތް ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރަނީ ރާޖަޕަކްސަގެ އެސްއެލްއެލްޕީންނެވެ. އެ ޕާޓީން އިއްޔެ ނިންމާފައި ވަނީ ރައީސްކަމަށް ރަނިލް ވިކްރަމަސިންހަގެ ނަން ހުށަހެޅުމަށެވެ.

ބުދަ ދުވަހުގެ ލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާއިރު، އެ ބޭފުޅަކު ފުރިހަމަ ކުރައްވާނީ 2024 ވަނަ އަހަރު ނިމޭ ގޮތަބަޔާގެ ރިޔާސީ ދައުރުގެ ނުނިމި އޮތް ބައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން