ސިއްރިއްޔާތުގައި ގައުމުން ބޭރަށް ވަޑައިގެންނެވި ސްރީލަންކާގެ ކުރީގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުން މިއަދު ބުނެފައިވަނީ، ފިއްލަވާވަޑައިގެންނެވި ރައީސް ގޮޓާބަޔަ ކުރިޔަށް އޮތް އޯގަސްޓް މަހުގެ ތެރޭގައި އެނބުރި ލަންކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގޮޓާބަޔަ މި ވަގުތު ހުންނެވި ސިންގަޕޫރުން، ލަންކާއަށް ވަޑައިގެންނެވުމުގެ ކުރިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް، ގޮޓަބަޔާ އެމެރިކާއަށް ކުރައްވަން ރޭއްވެވި ދަތުރުފުޅު ކެންސަލް ކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.



ގައުމުގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަރުގަދަވެ މަޖްބޫރުވެ ވެވަޑައިގެންނެވުމުން މަގާމުން އިސްތިއުފާ ދެއްވި ގޮޓަބަޔާ އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ނިންމެވިކަމުގެ ހަބަރުތައް ފެތުރިފައިވާއިރު، ލަންކާ ސަރުކާރުގެ އޮފިޝަލަކު ބުނެފައިވަނީ، ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ގޮޓާބަޔަ އެ ގައުމަށް ވަޑައިގަންނަވައިފިނަމަ، ރަސްމީ ގެކޮޅަކާއި ޕެންޝަނާއި އަދި އެކަށީގެންވާ ސެކިއުރިޓީއެއް ފޯރުކޮށްދޭނެކަމަށެވެ.

ލަންކާގައި އުފެދިފައިވާ ހަލަބޮލި ހާލަތާއި ގުޅިގެން މިމަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވި ނަމަވެސް، ސިއްރިއްޔާތުގައި ފުރާވަޑައިގެން ގޮޓާބަޔަ ވަޑައިގެންނެވީ ރާއްޖެއަށެވެ. އަދި 33 ގަޑިއިރެއްހާއިރު ރާއްޖޭގައި ހުންނެވުމަށްފަހު ގޮޓާބަޔަ ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ. ސިންގަޕޫރަށް ވަޑައިގެން އިސްތިއުފާ އިއުލާނު ކުރެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން