ފުރަތަމަ ދިން ބަޑީގެ ހަމަލާ އާއި ޝިންޒޯ އަބޭ މަރުވި ވަޒަންއެރި ދެވަނަ ބަޑީގެ ހަމަލާއާއި ދެމެދު 2.5 ސިކުންތުގެ ވަގުތުކޮޅެއް ލިބުނުކަމަށާއި، މި2.5 ސިކުންތު ތެރޭގައި ޝިންޒޯ އަބޭ ސަލާމަތް ކުރެވުނީސްކަމަށް އެހާދިސާގެ ވީޑިއޯ ތަހުގީގު ކުރަމުންދާ އަށް ސެކިއުރިޓީ މާހިރަކު ބުނެފި އެވެ.

ސިކިއުރިޓީ މާހިރުން ބުނީ 2.5 ސިކުންތު ތެރޭގައި ޖަޕާނުގެ ކުރީގެ އިސްވެރިޔާ، ޝިންޒޯ އަބޭގެ ބޮޑީގާޑުންނަށް ޝިންޒޯ އަބޭއަށް ހިމާޔަތް ދީ އެސަރަހައްދުން ދުރަށް ގެންދަން މަސައްކަތްކުރި ނަމަ ޝިންޒޯ އަބޭ ސަލާމަތް ކުރެވިދާނެ ކަމަށެވެ. އެގޮތުން ދެވަނަ ބަޑީގެ ހަމަލާއިން އެރި ވަޒަނުން އަބޭ ރައްކާތެރި ކުރަން ނުކުޅެދިގެން ދިޔައީ އަބޭގެ ސެކިއުރިޓީ ފެއިލިއާ އަކުންކަމަށް ޖަޕާނާއި ބޭރުގެ ތަޖުރިބާކާރުން ބުނެ އެވެ.

ހުޅަނގުގެ ސިޓީއެއް ކަމަށްވާ ނާރާގައި ދިން މިހަމަލާ ދީފައިވަނީ އަމިއްލައަށް ހަދާފައިވާ ހަތިޔާރެއް ބޭނުންކޮށްގެންނެވެ. އަބޭގެ މަރާއެކު ބަޑީގެ ހަމަލާތަކުން އެކަހެރިވެފައިވާ ސުލްހަވެރި ޖަޕާނުގެ މުޖުތަމައު ސިއްސުވާލި އެވެ. މިހާދިސާ އާއި ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ހިމެނޭ ގޮތަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީކަންކަން ފެއިލްވުމާއި ގުޅިގެންކަމަށް އިއުތިރާފުވެފައެވެ.

ހަމަލާ ދިން މީހާއަށް، އުމުރުން 67 އަހަރުގެ އަބޭގެ ގާތައް ދިއުމަށް އަބޭގެ ސެކިއުރިޓީ ޓީމުން ހުއްދަ ދީފައި ވަނީ އެއްވެސް ވަރަކަށް އޭނާ ޗެކް ނުކޮށް ކަމަށްވެއެވެ. އެގޮތުން ހަމަލާދިން ތަން ދައްްކުވައިދޭ ވީޑިއޯގައި ހަތިޔާރެއް ހިފައިގެން ހުރެ ހަމަލާ ދިން މީހާ އަބޭއާއި ގާތަށް ޖެހޭތަން ފެނިގެން ދެއެވެ.

އަބޭ މަރާލި ހަމަލާ ދީފައި ވަނީ އުމުރުން 41 އަހަރުގެ ޓެޓްސުޔާ ޔަމަގަމީ ނަމަކަށް ކިޔާ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާ އާއި ގުޅިގެން ޖަޕާނުގެ ނޭޝަނަލް ޕޮލިސް އެޖެންސީން ބުނީ އަބޭ މަރާލުމަކީ ފުލުހުންގެ ވާޖިބު އަދާ ނުކުރެވުމުގެ ނަތީޖާއެއް ކަމަށާއި ސެކިއުރިޓީ އެންޑް ޕްރޮޓެކްޝަން ޕްރޮޓޮކޯލްތައް މުރާޖައާކޮށް މިފަދަ ބޮޑު ހާދިސާއެއް ތަކުރާރުވިޔަނުދޭން މަސައްކަތްކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން