ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕުޓިން ރަސްމީ ދަތުރުފުޅެއްގައި އީރާނަށް މިއަދު ވަޑައިގެންފިއެވެ.

ޕުޓިންގެ މި ދަތުރުފުޅަކީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން މިދިޔަ ފެބްރުއަރީމަހު ހަނގުރާމަ ފެށިފަހުން ކުރީގެ ސޮވިއެޓް ޔޫނިއަން ހިމެނޭ ސަރަހައްދުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޕުޓީން އިރާނަށް ކުރައްވާ މި ދަތުރުފުޅުގައި އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއާ ބައްދަލުކުރައްވާނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން މިހާރު އީރާނުގައި ހުންނެވި ތުރުކީގެ ރައީސް އުރުދުޣާނާއެކުވެސް މަޝްވަރާތަކެއް ބާއްވަވާނެއެވެ. މި ބައްދަލުވުން ވެގެންދާނީ ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ނޭޓޯގެ ގައުމެއްގެ ވެރިޔަކާއެކު ޕުޓިން ބާއްވަވާ ފުަރަތަމަ ބައްދަލުކުރެއްވުމަށެވެ.

މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުންކަމަށް ހަބަރު ލިބެއެވެ. އަދި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެކްސްޕޯޓަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްވެސް މަޝްވަރާކުރާނެކަމަށް ބައެއް ހަބަރުތައް ބުނެއެވެ.

ޕުޓިން އީރާނަށް ދަތުރުފުޅެއް ފައްޓަވާފައި މިވަނީ އެމެރިކާގެ ރައީސް އިޒްރާއީލާއި ސައުދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން