މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވި ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ބަދަލުގައި އާ ރައީސަކު ހޮވުމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހެނދުނު ވޯޓު ނަގަން ފަށައިފިއެވެ.

މިއީ ލަންކާގެ ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ވެރިޔަކު ހޮވުމަށް ވޯޓު ދޭ ދެވަނަ ފަހަރެވެ. އެގޮތުން 1993 ވަނަ އަހަރުގެ މެއި މަހު ވެސް މަޖިލީހުގެ މިފަދަ ޖަލްސާއެއް ބޭއްވި އެވެ. އޭރު މިފަދަ ޖަލްސާއެއް ބާއްވައި މަޖިލީހުން ދައުލަތުގެ ވެރިޔަކު ހޮވާފައިވަނީ މިހާރުގެ އިދިކޮޅު ލީޑަރު ސާޖިތު ޕްރެމަދާސާގެ ބައްޕަ އަދި އޭރުގެ ރައީސް އާރް ޕްރެމަދާސާ އަވަހާރަކޮށްލުމާއެކުއެވެ.

މިއަދު ކުރިއަށްދާ ވޯޓުލުމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް އެއް ވޯޓު ލެވޭއިރު، ވޯޓު ކަރުދާހުގައި ކްރޮސް ފާހަގަކުރުމުގެ ބަދަލުގައި، ރައީސްކަމަށް ވާދަކުރާ ތިން ކެންޑިޑޭޓުން، އިސްކަންދޭ އުސޫލުން 1 އިން 3 އަށް ގިންތިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްކަމަށް ވާދަކުރާ ތިން ކެންޑިޑޭޓުންގެ ތެރެއިން ލިބޭ ވޯޓުގެ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯދާ ފަރާތަކަށް މަގާމް ކާމިޔާބު ވާނެކަމަށްވެއެވެ.

މިއިންތިހާބުގައި ވާދަކުރާ ތިން ވާދަވެރިންގެ ތެރެއިން އެކަކީ މިހާރުގެ އެކްޓިން ރައީސް ރަނިލް ވިކްރަމަސިންހައަށް ވާއިރު، ރަނިލް ހޮވިއްޖެނަމަ އެކަމާ ނުރުހުން ފާޅުކޮށް ލަންކާގައި އިތުރު މުޒާހަރާތައް ކުރިއަށް ގެންދިއުން އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އަނެއް ކެންޑިޑޭޓަކީ ވެރިކަން ކުރާ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ދުލާސް އަލަހައްޕެރޫމާއެވެ. އޭނާ އަކީ މުޒާހަރާގެ ބައިވެރިންނާއި އިދިކޮޅު ފަރާތްތަކަށް މާ ގަބޫލުކުރެވޭ ބޭފުޅެއް ނަމަވެސް ލަންކާގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާނޭ ތަޖުރިބާއެއް އޭނާގެ ކިބައިގައި ނެތްކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ.

ތިންވަނަ ކެންޑިޑޭޓް ލެފްޓިސްޓް ޖަނަތާ ވިމުކްތީ ޕެރަމޫނާ ޕާޓީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނާޔަކާ އަކީ 225 މެމްބަރުން ހިމެނޭ ޕާލަމެންޓްގައި އެންމެ ތިން ގޮނޑި ލިބިވަޑައިގެނއފައިވާ ފަރާތެކެވެ. އެހެންކަމުން އަނޫރާއަށް މިއިންތިހާބު ކާމިޔާބު ކުރެއްވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ގިނަބަޔަކު ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން