ކޮވިޑް-19 އަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިފައިވާކަމަށް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑރ. އަޙްމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންނަށް ހާއްސަ ތަޖުރިބާކާރު ޑޮކްޓަރު ފައިޞަލް މިއަދު ވިދާޅުވީ، ކުޑަކުދިންނަށް ކޮވިޑް ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާ، އެކަމުގެ ސަބަބުން އައިޖީއެމްއެޗްގެ ކުޑަކުދިން އެޑްމިޓްކުރާ ފަންގިފިލާ އެއްކޮށް ފުރިފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ކުދިން ބަލިވެގެން އެޑްމިޓްވާންޖެހޭނަމަ ހުޅުމާލެ ހޮސްޕިޓަލަށް ވެސް އެކުދިން ގެންދަން ޖެހިދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑރ. ފައިޞަލް މިފަދައިން ވިދާޅުވިނަމަވެސް، ކޮވިޑް ބަލީގައި މިވަގުތު އެޑްމިޓް ކޮށްފައި ތިބި ކުދިންގެ އަދަދާއި އޭގެ ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. އަދި އައިޖީއެމްއެޗުން ވެސް މިހާތަނަށް އެ މައުލޫމާތު އާންމު ކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލަކަށް ގެނެވިފައި އޮތުމަށްފަހު އަނެއްކާވެސް އެ ބަލި ހަލުވިކަމާއެކު ފެތުރެން ފަށާފައިވާ ކަމަށް އެޗްޕީއޭއިން ވެސް ވަނީ ބުނެފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު, މި މަހުގެ 10 އިން 16 އަށް ރާއްޖެއިން 417 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ.



ކިޔުންތެރިންގެ ހިޔާލު