ލަންކާގެ ރައީސްކަމުގެ މަޤާމުގެ ހުވާ މިއަދު ކުރެއްވި ރަނިލް ވިކްރަމަސިންހަ އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އައްޔަނު ކުރަށްވާނީ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ވަފާތެރި ބޭފުޅެއްކަމަށް ހަބަރުތައް ބުނެފިއެވެ.

ހަބަރުތައް ބުނާގޮތުން ލަންކާގެ ބޮޑުވަޒީރުގެ މަޤާމަށް ރަނިލް އައްޔަންކުރައްވާނީ ރާޖަޕަކްސަ ޕާޓީގެ މެމްބަރެއްކަމަށްވާ އަދި ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ހައުސް ލީޑަރު އުމުރުން 73 އަހަރުގެ ދިނޭޝް ގުނަވަރުދަނައެވެ. އޭނާއަކީ މަހިންދަ ރާޖަޕަކްސަގެ އަރިސް އަދި ވާފަތެރި ބޭފުޅެކެވެ.

ރަނިލްއަށް ރައީސްކަން ލިބިވަޑައިގަތީ ރާޖަޕަކްސަގެ ޕާޓީގެ ތާއީދާއެކުކަމުން، ދިނޭޝްއަށް ބޮޑުވަޒީރުކަންދޭނެކަމަށް އޮތީ ކުރިންވެސް ބެލެވިފައެވެ.

ދިނޭޝްއަށް ބޮޑުވަޒީރުކަން ދިނުމުގެ އިތުރުން ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާނީވެސް ކުރިން ކެބިނެޓްގައި ތިއްބެވި ވަޒީރުންކަމަށްވެސް ހަބަރުތައް ބުނެއެވެ. އަދި ހުރިހާ ޕާޓީތައް ގުޅިފައިވާ ސަރުކާރެއް އުފެދެންދެން އެ ކެބިނެޓް އޮންނާނެކަމަށްވެސް ހަބަރުތައް ބުނެއެވެ.

ރަނިލް މިހާރު ވަނީ އޭނާއާއެކު މަސައްކަތްކުރުމަށް ހުރިހާ ޕާޓީތަކަށްވެސް ދައުވަތު ދެއްވާފައެވެ. ނަމަވެސް މިހާތަނަށް އިދިކޮޅު ޕާޓީތަކުން ރަސްމީ ސިފައެއްގައި މިކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން