ލަންކާގެ އާ ރައީސް ހުވާ ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް، މިއަދުގެ ފަތިހުގެ ވަގުތެއްގައި ލަންކާގެ ސަލާމަތީ ބާރުތަކުން ނިކުމެ، ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކަށް ތައްޔާރުކޮށްފައިވާ ޓެންޓުތަކަށް ވަދެ އެ ޓެންޓުތައް ރޫޅާލައި އަނިޔާވެރިކަމާއެކު ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

މީޑިއާ ފޫޓޭޖުން ފެންނަ ގޮތުގައި ރަޔަޓް ގިއާގައި ތިބި ސިފައިންނާއި އެސޯލްޓް ރައިފަލްތަކާއެކު ހަތިޔާރު އެޅި ސިފައިން، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ބައިވެރިން އޭޕްރީލް މަހު ގާއިމްކުރި ޓެންޓުތައް ރޫޅާލައި، އެކަމަށް ހުރަސް އަޅަމުންދިޔަ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަމުން ދިޔަތަން ފެނިގެންދިޔަ އެވެ.

"މުޒާހަރާ ކުރުމުގެ ގާނޫނީ ހައްގެއް ނެތުމުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އަސްކަރިއްޔާ އާއި ފުލުހުންގެ ހާއްސަ ބާރުތައް ބައިވެރިކޮށްގެން ޖޮއިންޓް އޮޕަރޭޝަނެއް ފަތިހު ފެށީ،" ފުލުހުންގެ ތަރުޖަމާނު ނަލީން ތަލްދޫވާ ރޮއިޓާސްއަށް ވިދާޅުވި އެވެ.

އަދި ޒަހަމްވި ދެ މީހަކު ހިމެނޭ ގޮތަށް 9 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އެގޮތުން ދުވާލުގެ އަލިކަން ލިބެން ވާއިރައް ފުލުހުން ވަނީ އެ ސަރަހައްދުގައި ހުރި މުޒާހަރާ ޓެންޓްތައް ނަގައި މުޅި ސަރަހައްދު ސާފުކޮށްފައެވެ.

މުޒާހަރާ އިންތިޒާމްކުރި ފަރާތްތަކުން ބުނެފައިވަނީ މިއަދުގެ ހަމަނުޖެހުމުގައި 50 މީހަކު ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުން ތަޅައިގަތް ބައެއް ނޫސްވެރިންވެސް ހިމެނޭ ކަމަށެވެ. އަދި ދެ މީހަކު ހާލުބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށްވެއެވެ.

ހޯމަ ދުވަހުން ފެށިގެން ލަންކާ އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ. މީގެ ކުރިންވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަވާއިދުތައް ބޭނުންކޮށްގެން މުޒާހަރާ ކުރާ މީހުން ބަންދުކޮށް ހައްޔަރު ކުރުމުގެ ބާރު އަސްކަރިއްޔާއަށް ދިނުމާއި، މުޒާހަރާ ކުރުމުގެ ހައްގު ކުޑަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން