މާލެ ކައިރީގައި ތަރައްގީކުރާ ކުޑަގިރި ޕިކްނިކް އައިލޭންޑް، ހުޅުވާ ތާރީޚް ފަސްކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މާދަމާ ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން

ކުޑަގިރި ހުޅުވަން ނިންމައިފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ އިއުލާންކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، މާދަމާ ކުޑަގިރި ހުޅުވާ ގޮތަށް އޮތްނަމަވެސް އެ ރަށް ހުޅުވުން މިހާރު ފަސްކޮށްފައިވާ ކަމަށެވެ. އެ ރަށް ހުޅުވުން ފަސްކުރީ ރަށް ފެހިކުރުމުގެ މަސައްކަތާއި ރަށުގައި ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް އަދި މުޅިން ނިމިފައި ނުވާތީ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ. އެ ރަށް ހުޅުވުން ފަސްކުރި ނަމަވެސް، ފަސްކުރި ތާރީޚެއް އެ މިނިސްޓްރީން ބުނެފައެއް ނުވެއެވެ.

ޕިކްނިކް އައިލެންޑަށް ކަރަންޓް ދިނުމަށް ސްޓެލްކޯ އިން އެރަށުގައި ކަރަންޓް ކޭބަލް އަޅާ ރަށް މިހާރު ވަނީ ދިއްލާލާފައެވެ. އެރަށުގެ އިންޖީނުގެ އެޅުމަށް ފެނަކަ އާއި ވަނީ ހަވާލުކޮށްފައެވެ. އަދި އެރަށުގައި މިހާރު މިސްކިތެއް ބިނާކުރަމުންދާއިރު ދަތުރު ގޮސް އާންމު ތިބުމަށް އެކޮމަޑޭޝަން އިމާރާތްތަކަކާއި ފާހާނާ ފަދަ އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމުވެސް ހަމަޖެެއްސުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެރަށުގެ ޖެޓީގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފަ އެވެ.

ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓސީސީއާ އެވެ. 41.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ އެ މަޝްރޫއުގެ ދަށުން އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް ވަނީ އަޅާފައެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު