ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ނޫޅުއްވާ ކަމަށް ލަންކާ ސަރުކާރުން ހާމަކޮށްފިއެވެ.

ލަންކާގެ ކެބިނެޓްގެ ތަރުޖަމާނު ބަންޑޫލާ ގުނަވަރްދެނާ މިހެން ވިދާޅުވެފައިވަނީ މިއަދު އޮތް ކެބިނެޓް ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ މުހާތަބު ކުރައްވަމުންނެވެ. ގުނަވަރްދެނާ ވިދާޅުވީ ކުރީގެ ރައީސް ފިއްލެވިކަމަށް ނުބެލެވޭ ކަމަށާއި އަދި ވަރަށް އަވަހަށް ލަންކާއަށް އެނބުރި ވަޑައިގަންނަވާނޭކަމަށެވެ.

ނަމަވެސް ގޮޓަބަޔަ ލަންކާއަށް އެނބުރި ވަޑައިގަންނަވާނީ ކޮން ދުވަހަކުންކަން އެނގިވަޑައި ނުގަންނަވާކަމަށް ކެބިނެޓްގެ ތަރުޖަމާނު ވިދާޅުވިއެވެ.

ލަންކާގެ ހާލަތު ގޯސްވުމާއިއެކު ލަންކާއިން ފުރާވަޑައިގެން ރާއްޖެ ވަޑައިގެން 33 ގަޑިއިރު ހޭދަ ކުރެއްވުމަަށްފަހު ގޮޓަބަޔަ މިހާރު ހުންނެވީ ސިންގަޕޫރުގައެވެ.

ސިންގަޕޫރުގައި ހުންނެވި ގޮޓަބަޔަ ހައްޔަރުކުރުމަށް ސިންގަޕޫރުގެ ބަންޑާރަ ނައިބަށް އެދިވަޑައިގަތުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކެބިނެޓްގެ ތަރުޖަމާނު ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކުރީގެ ރައީސަށް އެއްވެސް ގެއްލުމެއް ނުދިނުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން، ސިންގަޕޫރުގައިތިބި ލަންކާ އޮފިޝަލުން ތިބީ ތައްޔާރައްކަމަށެވެ.

ގޮޓަބަޔަ ހައްޔަރު ކުރުމަށް ސިންގަޕޫރުގެ ބަންޑާރަ ނައިބަށް އެދިފައިވަނީ ހިއުމަން ރައިޓްސް ގްރޫޕަކުންނެވެ. އިންޓަނޭޝަނަލް ޓްރޫތް އެންޑް ޖަސްޓިސް ޕްރޮޖެކްޓު (އައިޓީޖޭޕީ) ނަމަކަށް ކިޔާ މި ގްރޫޕުން ވަނީ 2009 ވަނަ އަހަރު ހިނގާދިޔަ ލަންކާގެ ސިވިލް ހަނގުރާމައިގެ ދުވަސްވަރު، ގައުމުގެ ޑިފެންސް ޗީފްގެ ގޮތުގައި ހުރެމެ، ޖެނީވާ ކޮންވެންޝަންތަކާއި ހިލާފުވެ، އާންމުންނަށް އަނިޔާވެރިވިކަމަށް ބުނެ ގޮޓަބަޔަ އަށް އެތައް ތުހުމަތެއް ކޮަށްފައެވެ. އެގޮތުން މިމައްސަލައިގެ ލިޔެކިޔުންތައް ސިންގަޕޫރުގެ ބަންޑާރަ ނައިބަށް ޖިނާއީ މައްސަލައެއްގެ ގޮތުގައި ވަނީ ހުށަހަޅައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން