އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ފެތުރެމުންދާ މަންކީޕޮކްސް ނުވަތަ މަކުނުވިދުރީގެ ކޭސްތައް އެންމެ ގިނައީ އެމެރިކާގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަންކީޕޮކްސްއާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިޔުއެޗްއޯއިން އިއުލާންކޮށްފައިވާއިރު، އެމެރިކާއިން އެފަދަ ނިންމުމެއް ނިންމާފައެއް ނުވެއެވެ.

އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް މަންކީޕޮކްސް ޖެހިގެން 3486 ކޭސްއެއް ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާއަށްފަހު މަންކީޕޮކްސް އެންމެ ގިނައިން ފެތުރެމުންދަނީ ސްޕެއިންގައެވެ. އެ ގައުމުން މިހާތަނަށް ވަނީ މި ބަލީގެ 3106 ކޭހެއް ރިޕޯޓްކޮށްފައެވެ. މީގެއިތުރުން ޖަރުމަނުވިލާތުން 2352 ކޭސް ރިޕޯޓްކޮށްފައިވާއިރު، އިނގިރޭސިވިލާތުން ވަނީ 2208 ކޭސް ރިޕޯޓްކޮށްފައެވެ.

ހަބަރުތައް ބުނާގޮތުން އެމެރިކާގައި މިބަލި ފެތުރެމުންދާ ނިސްބަތުން ހެލްތު އިމަޖެންސީ އިއުލާންކުރުމާމެދު އެމެރިކާ ސަރުކާރުން ދަނީ ވިސްނަމުންނެވެ. މިއާއެކު ފެޑަރަލް ބަޖެޓުން މިކަންކަމަށް ހަރަދުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެމެރިކާއިން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެމެރިކާގައި މިހާތަނަށް 3000 އަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހުނުނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު