ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ފޯނުން މިއަދު މަޝްވަރާތަކެއް ބާއްވަން ހަމަޖެހިއްޖެއެވެ.

ޗައިނާއާއި އެމެރިކާގެ ރައީސުން މިއަދު މަޝްވަރާތަކެއް ބާއްވަން ނިންމާފައި މިވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ، ހައުސް އޮފް ރެެޕްރެޒެންޓޭޓިވްގެ ރައީސް ނެންސީ ޕެލޮސީ ޓައިވާނަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހުމާއި ގުޅިގެން އެމެރިކާއާއި ޗައިނާއާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިގެން އުޅޭ ދަނޑިވަޅެއްގައެވެ.

ޗައިނާއިން ޤަބޫލުކުރާގޮތުގައި ޓައިވާނަކީ އެ ޤައުމުގެ ބައެކެވެ. އަދި ގިނަ ޤައުމުތަކާއި އދއިންވެސް ޤަބޫލުކުރަނީ އެގޮތަށެވެ. ނަމަވެސް ޓައިވާނުން މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތަށް ބައެއް ޤައުމުތަކުން ދަނީ ނުސީދާކޮށް ތާއީދުކުރަމުންނެވެ. އޭގެތެރޭގައި އެމެރިކާވެސް ހިމެނެއެވެ.

ހަބަރުތައް ބުނާގޮތުން އެމެރިކާގެ ސަލާމަތީ ބާރުތަކުގެ އޮފިޝަލުން ދަނީ ނެންސީގެ ދަތުރުފުޅު ކެންސަލް ކުރުމަށް އެ ކަމަނާއަށް ވިސްނައިދެއްވަމުންނެވެ. އެއީ ޗައިނާއާއި އެމެރިކާއާ ދެމެދު ނުތަވަސްކަން އުފެދިފައި އޮތްވާ، ޓައިވާނަށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ކަންކަން އިތުރަށް ގޯސްވެދާނެތީއެވެ.

މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާގޮތުން ނެންސީ ޓައިވާނަށް ކުރައްވާ ދަތުރުފުޅަކީ އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ބައެކެވެ. އަދި މި ދަތުރުފުޅުގައި ޑިމޮކްރެޓުންނާއި ރިޕަބްލިކަނުން ބައިވެރިވުމަށް އެކަމަނާ ވަނީ ދައުވަތުދެއްވާފައެވެ. އަދި ނެންސީގެ ދަތުރުފުޅު ވެގެންދާނީ ފަހުގެ ތާރީހެއްގައި އެމެެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިސްވެރިޔަކު ޓައިވާނަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅަށެވެ.

އެމެރިކާގެ ބައެެއް އޮފިޝަލުން ބުނާގޮތުން ޗައިނާއިން މިހާރުވެސް ޓައިވާނަށް ޖެއްސުންކޮށް ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދާއިރު، ނެންސީގެ ދަތުރުފުޅާއެކު ޗައިނާއިން ޓައިވާނާއި ދޭތެރޭ ކަންކުރާ އުސޫލު އިތުރަށް ހަރުކަށިވެގެން ހިނގައިދާނެއެވެ. އޭގެތެރޭގައި ޗައިނާއިން ޓައިވާން ހިފުންވެސް އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ރަޝިޔާއިން ޔޫކްރެއިނަށް އަރާ ހަނގުރާމަ ފެށި ގޮތަށް، ޗައިނާއިން ޓައިވާނަށް އެރުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް އެކަންކަން ބިނާވަނީ ހުޅަނގާއި ޓައިވާނުގެ އަމަލުތައް ގެންގުޅޭ ގޮތެއްގެ މައްޗަށްކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން