ސްރީލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އެ ޤައުމުން ފުރުން މަނާކޮށް ނެރެފައިވާ އަމުރުގެ މުއްދަތު އެ ޤައުމުގެ ސުޕްރީމް ކޯޓުން އިތުރުކޮށްފިއެވެ.

ލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި އެ ޤައުމުގެ ކުރީގެ މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިއުފާދެއްވީ، މުޒާހަރާކުރާ މީހުންގެ ޕްރެޝަރުގެ ސަބަބުން މިދިޔަ މޭމަހުގެ ތެރޭގައެވެ. ނަމަވެސް އެމަނިކުފާނަކީ އަދިވެސް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.

މަހިންދަ ރާޖަޕަކްސަ އިސްތިއުފާދެއްވުމާއެކު އެ ޤައުމުގެ ސުޕްރީމް ކޯޓުން ވަނީ އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައެވެ. މަހިންދަގެ އިތުރުން ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާދެއްވި ބަސިލް ރާޖަޕަކްސަ އާއި ޔޫތު މިނިސްޓަރުކަމުން އިސްތިއުފާދެއްވި ނަމާލް ރާޖަޕަކްސަވެސް ފުރުން ވަނީ މަނާކޮށްފައެވެ. އަދިވެސް އިތުރު ބައެއް އޮފިޝަލުން ވަނީ ފުރުން މަނާކޮށްފައެވެ.

މި ބޭފުޅުން ފުރުން މަނާކުރުމުގެ އަމުރުގެ މުއްދަތު އިއްޔެ ހަަމަވާން އޮއްވާ، ސުޕްރީމް ކޯޓުން ވަނީ ފުރުން މަނާކުރުމުގެ އަމުރު އަންނަމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓާފައެވެ. މި ނިންމުން ނިންމާފައިވަނީ ލަންކާގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އަމުރު ނެރުނު ބެންޗުގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު ޖަޔަންތަ ޖަޔަސޫރިޔާއެވެ.

ރާޖަޕަކްސަގެ އާއިލާގެ ބަޔަކާއި ސަރުކާރުގެ އޮފިޝަލުންތަކެއް ފުރުން މަނާކުރުމަށް އަމުރު ނެރުނީ ލަންކާއަށް މިހާރު ދިމާވެފައިވާ ހަލަތަކީ އެ ބޭފުޅުންގެ ޒިންމާދާރުކަން ނެތުމުން ދިމާވި ކަންތައްތަކެއް ކަމަށް ބުނެ، އެ ކަންކަން ތަހުޤީޤްކުރުމަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން