ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ އިރާގުގެ ގްރީން ޒޯންގެ ސެކިއުރިޓީ ފޫއަޅުވާލުމަށްފަހު އެތައް ސަތޭކަ ބަޔަކު އިރާގުގެ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ހިސޯރުކޮށްފިއެވެ.

އިރާގުގެ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ހިސޯރުކޮށްފައިވަނީ އިރާގުގެ ދީނީ އިލްމުވެރިއެއްކަމަށްވާ މުގްތަދާ އަލް ސަދްރަށް ތާއީދުކުރާ މީހުންނެވެ. އެ މީހުން މުޒާހަރާކުރަމުންދިޔައީ ޤާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އެ މީހުން ނިސްބަތްވާ ކޯލިޝަނުން ގިނަ ގޮނޑި ކާމިޔާބުކުރުމުންވެސް، ބޮޑުވަޒީރުގެ މަޤާމަށް ވާދަވެރި ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ނަން ހުށަހެޅުމުންނެވެ.

އިރާގުގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އޮކްޓޫބަރުމަހު ބޭއްވި މި އިންތިހާބަށްފަހު އަދިވެސް އެ ޤައުމުގައި ސަރުކާރެއް ޤާއިމްކުރެވިފައެއްނުވެއެވެ.

އިރާގުގެ ޤާނޫނު ހަދާ މަޖިލިސް އާއްމުންގެ ތެެރެއިން ބަޔަކު ހިސޯރުކުރުމުން ފުލުހުން ވަނީ ފެނާއި ކަރުނަގޭސް އެމީހުންނާއި ދެކޮޅަށް ބޭނުންކޮށްފައެވެ. އަދި މިކަންތައްގަނޑު ހިނގިއިރު ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގައި ޕާލިމެންޓުގެ އެއްވެސް މެމްބަރެއް ނެތްކަަމަށް ހަބަރުތައް ބުނެއެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަދީމީ ވަނީ ޤާނޫނު ހަދާ މަޖިލިސް ހިސޯރުކޮށްގެން ތިބި މީހުން އެތަން ދޫކޮށްލުމަށް ގޮވާލާފައެވެ. ނަމަވެސް އެ މީހުން ވަނީ އެތަނުގައި ލަވަ ކިޔައި، ނަށާ ސަކަރާތުގެ މާހައުލެއް ޤާއިމްކޮށްފައެެވެ.

މުޒާހަރާ ކުރާ މީހުން ތާއީދުކުރާ ސިޔާސީ ލީޑަރު އަދި އިންތިހާބުގައި ގިނަ ގޮނޑި ކާމިޔާބުކުރި ކޯލިޝަންގެ ލީޑަރު އަލްސަދްރު ބޭނުންވަނީ އެމެރިކާއާއި އީރާނުގެ ނުފޫޒު ނެތް ސަރުކާރެއް ޤާއިމްކުރާށެވެ.

އދއިން މިކަމާއި ގުޅިގެން ބުނީ ސުލްހަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން އާއްމުންނަށް މުޒާހަރާކުރުމުގެ ހައްގު އޮންނާނެކަމަށެވެ. މީގެކުރިން 2016 ވަނަ އަހަރުވެސް އަލްސަދްރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އިރާގުގެ ޕާލިމެންޓް ހިސޯރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން