77 މިލިއަން އަހަރުވެފައިވާ ޑައިނަސޯއެެއްގެ ކަށިގަނޑު 6 މިލިއަން ޑޮލަރަށް ނީލަމެއްގައި ވިއްކާލައިފިއެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގައި ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ނީލަމުގައި ހުރިހާ ކަށިތަކެއް ފުރިހަމައަށް ހުރި، މި ޑައިނަސޯގެ ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

ނީލަމުގައި ވިއްކާލާފައި ވަނީ ގޯގަސޯރަސް ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑެކެވެ. މިއީ ޑައިނަސޯތަކުގެ ތެރެއިން ގިނަ ބަޔަކަށް އެނގޭ ޓައިރަނޮސޯރަސް ރެކްސްގެ އާއިލާއަށް ނިސްބަތްވާ ޑައިނަސޯއެކެވެ.



މި ޑައިނަސޯގެ ކަށިގަނޑު ފެނިފައިވަނީ 2018 ވަނަ އަހަރު އެމެރިކާ މޮންޓާނާ ސްޓޭޓްގައި އޮތް މީހެއްގެ އަމިއްލަ ބިމަކުންނެވެ. 79 ކަށިކޮޅެއްގެ މައްޗަށް އެކުލެވޭ މި ޑައިނަސޯ ކަށިގަނޑުގެ އިސްކޮޅުގައި 10 ފޫޓް ހުންނައިރު، ދިގުމިނުގައި 22 ފޫޓް ހުރެއެވެ.

ނީލަމުގައި 6 މިލިއަން ޑޮލަރަށް މި ކަށިގަނޑު ވިއްކާލިނަމަވެސް، ނީލަން އިންތިޒާމްކުރި ފަރާތުން ލަފާކުރީ 8 މިލިއަން ޑޮލަރަށް އެ ކަށިގަނޑު ވިއްކާލެވޭނެކަމަށެވެ.

މީގެ 77 މިލިއަން އަހަރު ކުރިން އުޅުނު ގޯގަސޯރަސްއަކީ ޓީ ރެކްސްއެކޭ އެއްގޮތަށް ބޮޑު ބޮލަކާއި ގިނަ އަދަދެއްގެ ތޫނު ދަތްތަކެއް ހުންނަ ޑައިނަސޯއެކެވެ. ނަމަވެސް ޓީރެކްސްއަށް ވުރެ ސައިޒުގެ ގޮތުން ކުޑައެވެ. ސައިޒު ކުޑަވުމާއެކު ޓީރެކްސްއަށް ވުރެ ޑައިނަސޯ ހަލުތްވެވެ.

މިހާތަނަށް މިފަދަ އެއްޗެއް ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ނީލަމެއްގައި ވިއްކާލާފައި ވަނީ 2020 ވަނަ އަހަރު އޮންލައިންކޮށް ބޭއްވި ނީލަމެއްގައެވެ. އެ ނީލަމުގައި ޑައިނަސޯގެ ކަށިތަކެއް ވިއްކާލީ 31.8 މިލިއަން ޑޮލަރަށެވެ. އެ ކަށިތައްވެސް ގަތީ އަމިއްލަ ފަރާތަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން