އައްޑޫ ސިޓީީ ފޭދޫގައި ހުންނަ ސިއްހީ މަރުކަޒު؛ ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުން ރަނގަޅު ސިއްހީ ހޯދަނީ ވަސީލަތްތައް ހުންނަ ރަށްތަކަށް ދަތުރުކޮށް ދަތި އުފުލައިގެން
އައްޑޫ ސިޓީީ ފޭދޫގައި ހުންނަ ސިއްހީ މަރުކަޒު؛ ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުން ރަނގަޅު ސިއްހީ ހޯދަނީ ވަސީލަތްތައް ހުންނަ ރަށްތަކަށް ދަތުރުކޮށް ދަތި އުފުލައިގެން
މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި މާބަނޑު މީހުންނަށް އެކަށީގެންވާ ފަރުވާ އެއް ނުދެވި ބައެއްގެ އިހުމާލުން އެތައް ފުރާނައެއް ދުނިޔެ ދޫކޮށްފިއެވެ. ޒިންމާ ނަގާނެ ފަރާތެއް ނެތެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. އެފަދަ އެތައް އާއިލާ އެއް މިއަދު އެ ހިތާމަ އާއި ހިތްދަތިކަން އެދަނީ ތަހައްމަލުކުރަމުންނެވެ. ކޮންމެ މީހަކު ވެސް ދިރިއުޅުމެއް ފަށަނީ ދަރިން ހޯދައި އެ ދަރިން ހެއު ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ފޮނި އުއްމީދުގައެވެ. އެތައް ދުވަހެއްގެ ދިގުއިންތިޒާރަކަށްފަހު ދުނިޔެ އަށް ނޭވާލާ އަލަތު ލޯބިވާ ދަރިފުޅު ބައެއްގެ އިހުމާލުން ވަކިވެދިޔުމުން ހިތައް ކުރާނެ އަސަރާ ލިބޭނެ ހިތްދަތިކަން ތަސައްވަރު ކޮށްލައްވާށެވެ.!

އެންމެ ފުރަތަމަ އެފަދަ މަރެއްގެ އަޑު އިވުނީ މޭ މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު އއ. ތޮއްޑޫގައި ހުރި މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމުގައި ލަސްވުމުގެ ސަބަބުން އެ އަންހެން މީހާގެ ދަރިފުޅު ވަނީ ބަނޑަށް މަރުވެފަ އެވެ. އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ ދެވަނަ މަރުގެ ވާހަކަ އަޑު އިވިގެންދިޔައެވެ. މޭ މަހުގެ 22 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ އެންމެ ހަތަރު މަހުގެ ތުއްތު ކުއްޖަކު ޑޮކްޓަރުންގެ އިހުމާލުވުމުގެ ސަބަބުން މަރުވި ހަބަރު ލިބުނެވެ. ތިން ވަނަ މަރުގެ ވާހަކަ އަޑު އިވުނީ އޭގެ އެންމެ ދެ ދުވަސް ފަހުންނެވެ. މޭ މަހުގެ 25 ވަނަ ދުވަހު ށ. ނަރުދޫގައި މާބަނޑު އަންހެނަކު، ށ. އަތޮޅު ހޮސްޕިޓަލަށް ވިހެއުމަށް ގެންދިމުގެ ހުއްދަ ލިބިފައިނުވާ ކަމަށް ބުނެ ހޮސްޕިޓަލަށް ނުދެވުމުން، ށ. މިލަންދޫ އިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާގެ ދަރިފުޅު ވަނީ ބަޑަށް މަރުވެފަ އެވެ.

އޭގެ ފަހުން އައިޖީއެމް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ މީހަކަށް ހޮސްޕިޓަލުން ފަރުވާ ނުދެވުމުގެ ސަބަބުން މަރުވެފައި ވާކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ. ފަސް ވަނަ އަދި ހަ ވަނަ މަރަކީ ދ. ކުޑަހުވަދޫގައި ދުވަސް ނުފުރާ ވިހޭ އެއްމާބަނޑު ދެކުދިންނަށް ބޭނުންވާ އިތުރު ފަރުވާ އެރަށުގައި ލިބެން ނެތުމުން ހުއްދަ ހޯދަން ކުރި މަސައްކަތުން އާސަންދައިން ލިބެންޖެހޭ ހުއްދަތައް ނުލިބި ލަސްވުމުން އެ ދެކުދިން ވަނީ މަރުވެފަ އެވެ.  އެންމެ ފަހުން ރޭގައި ހއ. ބާރަށުގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި ހިތާމަވެެރި ޚަބަރު ލިބުނެވެ. އެހާދިސާ ވެސް ހިގާފައިވަނީ އާސަންދަ އިން ލިބެންޖެހޭ ހުއްދަތަށް ނުލިބި ފަރުވާ ލަސްވުމުގެ ސަބަބުން ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ ދިއްދޫ އަށް މާބަނޑު މީހާ ގެންދިޔުމުން އެތަނުން ސްކޭން ކުރެވޭނެ ފަދަވެސް ނެތުނީއެވެ. އާސަންދަ ހަމަނުޖެހުމުން އެނބުރި ރަށަށް އައިސް ލޯންޗެއް ކުއްޔަށް ހިފައިގެން އެ ދެމަފިރިން ކުޅުދުއްފުއްޓަށް ގޮސް ސްކޭން ހެދުމުން އެނގުނީ ދަރިފުޅު ބަނޑަށް މަރުވެފައިވާ ކަމެވެ. ދަރިފުޅު ބަނޑަށް މަރުވިކަން އެންގުމުން އެޑްމިޓްވެގެން ތިބެވޭ ވަރުގެ ތަނަވަސްކަމެއް އެމީހުންގެ ނެތް ކަމަށް ބުނުމުން އަނބުރާ ރަށަށް ދިޔުމަށް އެ ހޮސްޕިޓަލުން އެންގި ކަމަށް އާއިލާ އިން ބުނެއެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތާއި ގުޅިގެން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ހޮސްޕިޓަލުން ދިން ޖަވާބު ނިކަން ދެކެބަލާށެވެ.! ސުބުހާނަ ﷲ އެވެ. އެއްވެސް ކުލުނެެއް ރަހުމެއް ހަމްދަރުދީ އެއް ނެތެއް ނޫންތޯއެވެ؟ ރަހުމުގެ ކަންފުޅެއް ހުރި ނަމަވެސް އެގޮތަކަށް ކަންތައްކުރާކަށް ނުކުރާނެ އެވެ.

މިދައްކަނީ އެފްރިކާ ބައްރުގެ ފަގީރު ގައުމެއްގެ ވާހަކައެއް ނޫނިއްޔާއެވެ. 500 ހާސް ރައްޔިތުން ނުބެލެހެއްޓޭވަރުގެ އާމްދަނީ ނުލިބޭ ފަގީރު ގައުމެއްގެ ވާހަކައެއް ނޫނެވެ. ރަންބިސްއަޅާ ކުކުޅު ބަލިވެގެން މިގައުމަށް ތިޔަ ބުނާ އާމްދަނީއެއް ނުވަދެ މިދިޔައީ އަދި އެންމެ ދެތިން މަހެވެ. އެހެން ނޫނީ ބޮލަކަށް 10 ހާސް އެމެރިކާ ޑޮލަރު ޖެހޭ ކަމަށް ބުނާ ގައުމެއްގައި ދެތިން މަހު އާނމުދަނީއެއް ނުލިބޭ އިރަށް ރައްޔިތުން ބަނޑަށް ޖެހުމަކީ ގަބޫލު ކުރަން ދަތި ކަމެކެވެ. ހަގީގަތުގައި ވެގެން މިއުޅެނީ އެހެނެއް ނޫނެވެ. ކަންކުރަން ތިބި މީހުންގެ މައްސަލައެވެ. ރާއްޖެއަކީ ކިހިނެއް ކޮންގޮތަކަށް އުފެދިފައި އޮތް ގައުމެއްކަމާއި ރާއްޖޭގެ ހުރިހާ ރަށެއްގައި އެންމެ މޮޅު ސިއްހީ ފަރުވާ ފޯރުކޮށްދެވިފައި ނެތްކަމާއި ރަށްރަށުގެ މީހުން ޒަމާނުއްސުރެ ދިރިއުޅެމުން އައީ ހައްގު މިންވަރު ނޫނަސް، އެކަން ގަބޫލުކޮށްގެން ސިއްހީ ފަރުވާ ލިބެން ހުރި ތާކަށް ދަތުރުކޮށް ބުރަ އުފުލައިގެން ޚިދުމަތް ލިބިގަނެގެން ކަން، އެކަން ކުރާން ސަރުކާރުން ހަވާލުކޮށްފައި ތިބި މީހުންނަށް ނޭނގެނީއެވެ. ނޫނީ އެމީހުން ގަމާރީއެވެ. ނޫނީ ކަންކުރުމުގެ ގާބިލުކަމާއި ވިސްނުން ނެތީއެވެ. ކަމެއް ޖެހޭއިރަށް ތެޅިފޮޅި ގަންނަނީއެވެ. ނޫނީ މިހާތަނަށްވެސް މިގައުމުގައި އެންމެ ބޮޑަށް ފެއިލްވެފައިއޮތް ސިއްހީ ދާއިރާއާއި އެޗްޕީއޭއާ މިއަދު ކަމަކަށް ވާވަރު ކަމެއް ލައިގަތީމާ އެމީހުން ކުރިން އެތިބި ބަރުހެލި ކަމުގައި ތިބެވެނީއެވެ. ކޮންމެ ސަބަބަކާހުރެވިޔަސް އެކަން ނުވީމާ ހުރިހާ ބަދުނާމެއް މިއެޅެނީ ރައީސް މީހާގެ އިސްތަށި ފުޅުގައެވެ.

މިސަރުކާރުން އެންމެ އިސްކަން ދެނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހަންމަދު މަބުރޫކް އަޒީޒު ތަކުރާރުކޮށް ވިދާޅުވާ އަޑުއަހަމެވެ. މަބުރޫކެވެ. މާބަނޑު މީހާ ދުނިޔެ އަށް އުފަންކުރަނީ ވެސް ހަމަ ދިވެހި ރައްޔިތެއް ނޫންތޯއެވެ؟ އިހުމާލުން ހަމަ އެގެއްލެނީ ވެސް ދިވެހި މި ފަސްގަނޑަށް އުފަންވާ ފުރާނައެއް ނޫންތޯއެވެ؟ އަމަލާ ބަހާއި ދިމާކުރައްވަން އެބޭފުޅުން ގާތުގައި ވިދާޅުވާށެވެ! ކިތަންމެ ވަރަކަށް ކެތްތެރިވާށޭ ވިދާޅުވިއަސް، ރައީސް މުހަންމަދު ނަޝީދުގެ ބަސްފުޅުންނަމަ ދިވެހިންގެ ކެތްތެރިކަން ވެސް ކޮޅުންލައިފާނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރިފަހުން އާންމު ސިއްހީ ނިޒާމުގެ ޚިދުމަތްތަކަށް ވާސިލު ވުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. މިކަން ގަބޫލު ކުރައްވާށެވެ. ރަށްތައް ބަންދުކޮށްގެން ތިބީ އަރައިގެން މިއުޅޭ ކޯވިޑްގެ ރޯގާބަލިމަޑުކަން ފެތުރޭތީއެވެ. އެބަލި ޖެހޭ މީހުން ވެންޓިލޭޓަރަށް ލާންޖެހޭތީއެވެ. ބަލިޖެހޭ މީހުން މަރުވާލެއް ގިނަ ވާނެކަން ހަދާފައިވާ ހިސާބުން ދައްކާތީއެވެ. އެކަމަކު މިހާތަނަށް އެ ރޯގާގައި މަރުވި ދިވެހީންނަށްވުރެ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބިގެން މިދުނިޔެ ދޫކުރި ފުރާނަ މިހާރުވެސް މާގިނަވެއްޖެއެވެ.

އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބިގެން ނުވަތަ ވާސިލު ނުވެވުމުގެ ސަބަބުން މާބަނޑު މީހުންގެ ބަނޑަށް ކުދިން މަރުވަނީއެވެ. ވިހެއުމަށްފަހު ވެސް އެކަށީގެންވާ ސިއްހީ ފަރުވާ ނުދެވިގެން ނޫނީ ލިބެން ނެތިގެން ނޫނީ ފަރުވާ ކުޑަވެގެން މަރުވަނީއެވެ. އެއީ މައްސަލައެއް ނޫންތޯއެވެ؟ އެއީ އަޅުގަނޑުމެން ހާސިލުކޮށްގެން މިތިބަ ލަނޑުދަނޑިތައް ފަހަތަށް ދިއުން ނޫންތޯއެވެ؟ އެއްބަސްވެ ސޮއިކޮށްގެން މިތިބަ ގަރާރުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ނޫންތޯއެވެ؟ ލިބިފައިވާ ރީތިނަމާއި މަގާމު ކިލަނބުވުން ނޫންތޯއެވެ؟



މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާތަނަށް ކުރި މަސައްކަތެެއް، އެޅި ފިޔަވަޅެއް ފެންނާކަން ނެތެވެ. ހޮސްޕިޓަލުތަކަށް ކުރެވޭ ބޮޑެތި ތުހުމަތުތައް ހޮސްޕިޓަލުތަކުން ބަލަމުން އަންނައިރު އެކަން ކުރަން ގާނޫނުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް އަށް ވަނީ މަތިކޮށްފައެވެ. ކޮމިޝަނަރުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ސިއްހީ ހިދުމަތްދޭ ތަންތަން ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ބަލައި އެތަންތަނުގެ މުވައްޒަފުން މަސައްކަތް ކުރަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށްތޯ ބެލުން ހިމެނެއެވެ. އެކަމަކު އެކަން ގާނޫނުން ލާޒިމް ކޮށްފައިވާތާ ހަތަރު އަހަރުވީއިރު ވެސް އެ މަގާމަށް މީހަކު ސަރުކާރުން އައްޔަނެއް ނުކުރެއެވެ.

ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނަންގަވައިގެން އުޅުއްވާ ބޭފުޅުންނަށް ޒިންމާ އަދާކުރެވޭނީ މިހާކަންހާވަރަށް ނޫންތޯއެވެ؟ ށ.ނަރުދޫ އިން މާބަނޑުމީހާގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައިގައި "ރަސްއޮންލައިން" އާއި ވާހަކަދެއްކި އާއިލާ މީހެއްގެ ކަންބޮޑުވުމަކީ އެޗްޕީއޭ އިން ސިއްހީ ނިޒާމް ހަމައެކަނި ކޮވިޑް ބައްޔަށް ބަރޯސާވެފައި އޮތުމެވެ. ރަށްތައް ފުރަބަންދު ކުރާއިރު އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ރަށްރަށުގެ ހައިރިސްކް ކެޓަގަރީ މީހުންގެ މައުލޫމާތާއި ކުއްލި ހާލަތުގައި ފަރުވާ ހޯދޭނެ އަވަސް އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ދެކެއެވެ.

ކުރީގެ ރައީސް، ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ދެކިވަޑައިގަންނަވާ ގޮތުގައި މަރުތައް މަދުކުރުމަށްޓަކައި ކޯވިޑް-19 ނޫން ޞިއްޙީ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އެމަނިކުފާނުގެ ކަންބޮޑުވުމަކީ ވެސް އެކަށީގެންވާ ސިއްހީ ފަރުވާ ނުދެވި އެތައް ތުއްތު ފުރާނަތަކެއް ގެއްލިގެންދިޔުމެވެ.

މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ނާއިބް ރައީސް ފައިސަލް ނަސީމް ވެސް ފާހަގަކުރައްވާފައިވެއެވެ. މިހާލަތުގައި ދިމާވާ ޞިއްޙީ ކުއްލި ހާލަތްތަކުގައި ފަރުވާދިނުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކޮށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހާވެސް ބާރު ސްޕީޑެއްގައި ހަރުދަނާގޮތެއްގައި ފޯރުކޮށްދެއްވާށެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ދިމާވާ އެކިއެކި ޞިއްޙީ ކުއްލި ޙާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވައި، ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރެއްވުމަށް އަތާ އަތް ގުޅާލައްވާށެވެ.

މައްސަލަ މިދަނީ ބަލަމުންނޭ ވިދާޅުވެ ހަމައެކަނި ފުއްދާ ނުލަށްވާށެވެ. މިއީ އެއަށްވުރެ ނާޒުކް ހައްސާސް މައްސަލަތަކެވެ. މިކަހަލަ އިތުރު ހިތާމަވެރި ހާދިސާތައް ނުހިގާނެ ގޮތަކަށް ސިޔާސަތުތައް ބައްޓަންކުރައްވާށެވެ. މާގިނަ ދުވަސްތަކެއް ނުވެ، ދިވެހިން ކަންތައްތައް ހަނދާނުން ފޮހެލާހެން އެކަން ނުކުރަށްވާށެވެ. އަނެއްކާވެސް އެކަހަލަ އިތުރު ހާދިސާއެއް ކުރިމަތިވުމުން ތެޅިފޮޅި ނުގަނެ ދުރާާލާ ކަންކަމަށް ތައްޔާރުވެ އަވަސް ފިޔަވަޅުތައް އަޅުއްވާށެވެ.

ކޯވިޑް-19 ގެ ޓާސްފޯސްއާއެކު އެކީގައި އާންމު ސިއްހަތުގެ ޓާސްކްފޯސް ހަރަކާތްތެރި ކުރައްވާށެވެ. ވަޒީރު އަމީނާއި އެޗްޕީއޭއަށް ބަރޯސާވެ ވަޑައި ނުގަންނަވާށެވެ. މިފަދަ ކޮންމެ ހާލަތެއްގައި "އެކްޓިވޭޓް" ކުރައްވާ ސަލާމަތީ ބާރުތައް އަދި މިގައުމުގައި އެބަ އޮތް ނޫންތޯއެވެ؟ މިހަނގުރާމައަށްވެސް އެ ލަޝްކަރު ނެރުއްވާށެވެ. ގޮނޑި ހޫނުކުރަން އެތިއްބަވާ ބޭފުޅުންނަށް ބަރޯސާވެ ވަޑައި ނުގަންނަވާށެވެ. މަނިކުފާނު ވިދާޅުވާއިރަށް ގައުމީ ލަޝްކަރު "އެކްޓިވޭޓް" ވާނެއެވެ. ދެން މަނިކުފާނަށް ޖެހިވަޑައިގަންނަވާނީ މަގުފަހިކޮށްދެއްވައި އެމީހުންނަށް ހިތްވަރު ދެއްވާށެވެ.

މަނިކުފާނު ދެކެ މިގައުމުގެ ރައްޔިތުން ލޯބިވީ މަނިކުފާނުގެ އޯގާތެރި ކަމާއި ހިތްތިރި ކަމުން ނޫންތޯއެވެ؟ އެންމެ އާދައިގެ ރައްޔިތު މީހާގެ ގައިގާވެސް މަނިކުފާނު ފިރުމާލައްވާތީ ނޫންތޯއެވެ؟ އެންމެ ނިކަމެތި މީހާއަށް ވެސް މަނިކުފާނުގެ އަރިހަށް އާދެވޭތީއެވެ؟ އެންމެ ނިކަމެތި މީހާގެ ދަރިފުޅުވެސް އުރާލައްވާތީ ނޫންތޯއެވެ؟ ރައްޔިތުންނަށްޓަކާ މަނިކުފާނު ކަރުނައަޅުއްވާކަން އެރައްޔިތުން ގަބޫލުކުރާތީ ނޫންތޯއެވެ؟ މަނިކުފާނުގެ އެ އޯގާތެރިކަމާއި ލޯބި ނަފުރަތަށް ބަދަލުވިޔަ ނުދެއްވާށެވެ. އަވަހަށް ފިޔަވަޅު އަޅުއްވައި މަނިކުފާނަށް އެކަން ކޮށްދޭން ތިބި ބަޔަކު "އެކްޓިވޭޓް" ކުރައްވާށެވެ.


ކިޔުންތެރިންގެ ހިޔާލު


12

ކައިލީ

12-Jun-2020

އަތޮޅު ތަކުގައި ކުރިންވެސް އޮތީ ތިނިޒާމު ފެއިލ ވެފައި. އެކަން މތިފަޑީގެ ސަމާލުކަމަށް އައީ މާލެ ފުރަބަންދުކުރުމުން. ދެން ވެރިކަމަށް އަންނާނީ ރާއްޖެތެރެ ތަރައްޤީކުރަން ވައުދުވާ މީހުން


21

ޞިދު

12-Jun-2020

މަޖި ލީހުގައި ހުރި ރަންނަމާރި ބާލަންވީ . ގަވްމު އޯކޭ ވާނެ



ޓްރެންޑިން