މި ވަގުތަކީ ސްރީލަންކާގެ ކުރީގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަންނަވަން ރަނގަޅު ވަގުތެއް ނޫން ކަމަށް ސްރީލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވީ ގޮޓާބަޔަ މި ވަގުތު ސްރީ ލަންކާއަށް އެނބުރި ވަޑައިގެންފި ނަމަ ގައުމުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެ ދާޚިލީ މަޝްރަހު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށެވެ.

"އަހަރެން ގަބޫލު ކުރާގޮތުގައި މި ވަގުތަކީ ގޮޓާބަޔަ ގައުމަށް ވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތެއް ނޫން. މިވަގުތު ގައުމަށް ވަޑައިގެންފިނަމަ، ގައުމުގެ އިގުތިސާދު މެނޭޖުކުރި ގޮތުން ހިތްހަމަ ނުޖެހިފައިތިބި އެތައްހާސް ބައެއްގެ ހިތުގައި ސިޔާސީ ހުޅު ރޯވެގެން ހިނގައިދާނެ. މިވަގުތަކީ ގައުމަށް ވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތެއް ނޫން. އަދި ގޮޓާބަޔަ މިވަގުތު އެނބުރި ގައުމަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ވެސް ދެއްވާފައެއް ނުވޭ." ރަނިލްގެ އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.

ރަނިލް މިހެން ވިދާޅުވެފައި މިވަނީ ގައުމު ދޫކޮށް ފިއްލަވައިގެން އުޅުއްވާ ގޮޓާބަޔަ އެނބުރި ލަންކާއަށް ވަޑައިގަންނަވަން އުޅުއްވާކަމުގެ ރިޕޯޓުތައް މީޑިއާގައި ދައުރު ވަމުންދާ ދަނޑިވަޅެއްގައެވެ.

ސްރީލަންކާގެ އިގްތިސާދީ ހާލަތުގެ ސަބަބުން އާންމުންނާއި އިދިކޮޅު ފަރާތުން ގޮޓަބަޔައަށް ކުރިމަތި ވަމުން ދިޔަ ފިއްތުންތަކާ އެކު އޭނާ ވަނީ ގައުމު ދޫކުރައްވައި ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންފައެވެ. އޭގެ ފަހުން ދެ ހަފްތާ ވެފައިވާއިރު ގޮޓާބަޔައަށް ވަނީ އިތުރު ދެ ހަފްތާއަށް ސިންގަޕޫރުގެ ވިސާ އާ ކޮށްދީފައެވެ.

ސްރީލަންކާ އަދިވެސް އޮތީ އިގުތިސާދީ ބޮޑު ވަޅުގަނޑެއްގެ ތެރޭގައެވެ. އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކާ އެކު މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް އެދެވޭ ނަތީޖާއެއް ފެންނަން ގިނަ މަސްތަކެއް ނަގާނެ ކަމަށް ރަނިލް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން