މާޝާ މިދުހަތު   6 އޯގަސްޓު 2022 - 13:5
ތަކެތީގެ އަގުތައް އުފުލުމާއި ދެކޮޅަށް އަޑުއުފުލަން ކުރި މުޒާހަރާގެ ތެރެއިން ރާހުލް ގާންދީ ހައްޔަރުކޮށްފި އެވެ.

މުޅި އިންޑިއާގައި ކުރިއަށްދާ މި މުޒާހަރާތައް ފެށީ ހުކުރު ދުވަހު ރާހުލް ގާނދީގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމަށްފަހު އެވެ.

"ވަޒީފާ ނެތް މީހުންގެ އަދަދު މެދުނުކެނޑި އިތުރުވަމުން އައި ނަމަވެސް އިންޑިއާ ސަރުކާރުން ބުނަނީ މިއީ ހަގީގަތެއް ނޫން ކަމަށް،" ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ރާހުލް ވިދާޅުވިއެވެ. "ހަމައެފަދައިން އިންފްލޭޝަން ވެސް މެދުނުކެނޑި މައްޗަށް ދަނީ، އެކަމަކު ފިނޭންސް މިނިސްޓަރު ވިދާޅުވާ ގޮތުގައި މިއީ ތެދެއް ނޫން."

އަދި އިދިކޮޅު ލީޑަރުންނަށް ރައްޔިތުންގެ މަޖިލީހުގައިވެސް އަދި ބޭރުގައިވެސް މިކަންކަމާ ވާހަކަ ދެއްކުމުގެ ހުއްދަ ނުދީ، އެކަންކަމާ ބެހޭގޮތުން އަޑުއުފުލާ މީހުން ހައްޔަރު ކުރަމުންދާކަމަށްވެސް ރާހުލް ގާނދީ ތުހުމަތު ކުރެއްވިއެވެ. އެގޮތުން މިހާރު އިންޑިއާގައި ޑިމޮކްރަސީއެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

މިމުޒާހަރާގެ ތެރެއިން، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާނދީގެ ދަރިންކަަމަށްވާ، ރާހުލް ގާނދީ އާއި އޭނާގެ ކޮއްކޮ ހައްޔަރުކޮށްފައިވަނީ މުޒާހަރާ ރޫޅާލުމަށް ނިކުތް ފުލުހުންނެވެ.

ޖުލައި 18 ވަނަ ދުވަހުން ފެށިގެން އިދިކޮޅު ފަރާތްތަކުން ދަނީ އިންޑިއާގެ އިންފްލޭޝަނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެދި އެކިގޮތްގޮތުން މުޒާހަރާތައް ބާއްވަމުންއެވެ. މިމުޒާހަރާތައް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރިއަށް ގެންދިއުމުން ގިނަ މަޖިލީހުގެ މެމްބަރުންތަކެއްވެސް ވަނީ ސަސްޕެންޑްވެސްްކޮށްފައެވެ.

އިންޑިއާގެ ރީޓެއިލް އިންފްލޭޝަން ރޭޓް ޖޫން މަހުގެ ނިޔަލަށް ޖެހިޖެހިގެން ހަ މަސް ދުވަހު ރިޒާވް ބޭންކް އޮފް އިންޑިއާއަށް ނުހިފެހެއްޓޭވަރަށް 6 އިންސައްތައަށް ވުރެ މައްޗަށް ޖެހިފައިވާކަން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ތަކެތީގެ އަގު އުފުލުމުގެ އިންޑިކޭޓަރ އިން ދައްކާގޮތުގައި މިދިޔަ އޭޕްރީލް މަހު ވަނީ، މިދިޔަ އަށް އަހަރުތެރޭގައި ތަކެތީގެ އަގުތައް މަތި ނުވާވަރަށް، 7.79 އިންސައްތަ މައްޗަށް ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން