ޒަހީނުއްދީން ސަޢީދު   8 އޯގަސްޓު 2022 - 14:7
ރާއްޖޭގައި ގިސާސްގެ ހުކުމް ތަންފީޒު ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މާލޭގައި ޒުވާން އަންހެނަކު މަރާލާފައި އޮއްވާ ވަނީ ފެނިފައެވެ. މާލޭ ޗީބޯ ކެފޭ ގޯޅި ތެރޭގައި ހުންނަ ހ. ޝީރީންވިލާ ގޭގައި މަރާލާފައި އޮއްވާ ފެނިފައިވަނީ ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ.

އެމައްސަލައިގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލް ވަނީ ހައްޔަރުކޮށްފައެެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެެވެ.

ގާތިލަށް ހައްގު އަދަބު ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދަނިކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީން ބާރު ލިބިގެންވާ މަގުން، ޤާނޫނޫލް ޢުޤޫބާތުގައިވާ ގޮތުގެ މަތިން ރާއްޖޭގައި އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެން ޤިޞާޞްގެ ޙުކުމް ތަންފީޒުކުރަންޖެހޭ ކަމަށެވެ. އަދި އަނިޔާވެރި ޢަމަލުތަކަށް ޙައްޤު އަދަބުތައް ކަނޑައެޅިފައިވަނީ އިސްލާމީ ޝަރީޢަތުގައި ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.



ގިސާސް ހިފުމަކީ މަރަށް މަރު ހިފުމެވެެ. ނުވަތަ އިސްލާމް ދީނުގައި އޮންނަ ގޮތަށް މަރުގެ ހުކުމް ގާއިމު ކުރުމެވެ.

މި މަރާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު ވިދާޅުވީ ޝިއާއުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވެނީ ޝާހިލަށް އެކަނި ކަމަށެވެ. އެހެން ނަމަވެސް މިވަގުތާއި ހިސާބަށް އޭނާ ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށް ޝިފާއު ވިދާޅުވިއެެވެެ.

ޝިއާއުގެ މަރާލަން ބޭނުންކުރި ހަތިޔާރު ހާދިސާ ހިނގި ސަރަހައްދުން ފުލުހުން މިހާރު ވަނީ ހޯދާފައެވެ. ރަޙުމްކުޑަކޮށް މަރާލި ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ ޕޯސްޓްމޯޓަމް ހަދަން ފުލުުހުން ވަނީ ނިންމާފައެވެ. މިއީ ފަހުގެ ތާރިޚެއްގައި ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި އެއް ގަތުލެވެ.


ކިޔުންތެރިންގެ ހިޔާލު


4

ބޮނަކުއާ

11-Aug-2022

މީނަ އިސްލާމިކު މިނިސްޓަރަކަށް ހުރިއިރު މިވާހަކަ ހަދާނެއް ނުވި



ޓްރެންޑިން