އިންޑިއާއިން އިއުތިރާޒު ކުރުމާ ގުޅިގެން ސްރީލަންކާއަށް ދިއުމަށް ހަމަޖެހިފައިވާ ޗައިނާގެ ބޯޓެއްގެ ދަތުރު، މުއްދަތެއް ނެތް ގޮތަށް ލަސްކުރުމަށް ލަންކާ ސަރުކާރުން އެދެފިއެވެ.

"ޔުއާން ވަންގް 5" ނަމަކަށް ކިޔާ މި ބޯޓު މިހާރު ވަނީ ޗައިނާގެ ޖިއަންގިން ބަނދަރުން ސްރީލަންކާއަށް ދިއުމަށް ފުރާފައެވެ. މިބޯޓު ކުރިން ލަންކާއަށް ޖެއްސުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 11 ވަނަ ދުވަހު ޗައިނާއިން ހިންގާ ލަންކާގެ ހަމްބަންޓޯޓާގެ ބަނދަރަށެވެ.

ނަމަވެސް މިބޯޓު ލަންކާއަށް ދިއުން ފަސްކުރުމަށް އެދިފައިވާނެކަމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ. އެގޮތުން ލަންކާގެ ފޮރިން މިނިސްޓްރީން ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީއަށް ލިޔުމަކުން މިކަމަށް އެދިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"މިކަމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތަކެއް ކުރެވެންދެން ލަންކާއަށް، ޔުއާން ވަންގް 5 ދަތުރުކުރާ ތާރީހު ފަސްކޮށްދިނުމަށް މިނިސްޓްރީން އެދެން،" ލަންކާގެ ފޮރިން މިނިސްޓްރީން ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީއަށް ފޮނުވި ލިޔުމުގައި ވެއެވެ.

މީގެއިތުރުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ވަނީ މި ދަތުރު ރާވާފައިވާ ގޮތަށް ކުރިއަށް ނުދާނެ ކަމުގެ ޔަގީންކަން ސިޔާސީ ލީޑަރުންނަށް ހުކުރު ދުވަހު ދެއްވާފަ އެވެ.

ޗައިނާގެ ބޯޓު ލަންކާއަށް ދިއުމާމެދު އިންޑިއާއިން ކަންބޮޑުވުންތައް ފާޅުކުރީ އެ އުޅަނދަކީ ސެޓެލައިޓް ޓްރެކިންގައި ހަރަކާތްތެރިވާ އުޅަނދެއް ކަމަށް ރިޕޯޓްތައް ބުނާތީކަމަށްވެއެވެ.

ނަމަވެސް ލަންކާއިން ވަނީ މި ބޯޓު އަންނަނީ ހަމައެކަނި ބޯޓަށް ތެޔޮ އެޅުމާއި ބޯޓަށް ބޭނުންވާނޭ އެހެނިހެން ތަކެތި އެރުވުމަށް ކަމަށް ބުނެފައެވެ. އަދި ލަންކާ އޮންނަ ކަނޑުގެ ސަރަހައްދުގައި މިބޯޓުން އެއްވެސް އިތުރު މަސައްކަތެއް ނުކުރާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

ސްރީލަންކާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މީގެކުރިން ވަނީ އިންޑިއާގެ ސަލާމަތާއި އިގްތިސާދީ މަސްލަހަތަށް އެއްވެސް އަސަރެއް ކުރާނަމަ އެކަން ވަރަށް ގާތުން ބަލައި، އެކަންކަން ރައްކާތެރި ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެކަމަށް ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން