ޔޫކްރޭންގެ ހަނގުރާމަ ކާމިޔާބު ކުރުމަށް އުތުރު ކޮރެއާއިން ރަޝިޔާއަށް އެހީތެރިވުމަށް ނިންމައިފިއެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޔޫކްރޭނަށް އަރައިގަތުން ރަޝިޔާއަށް ކާމިޔާބުކޮށްދިނުމަށް އެހީތެރިވުމަށް އުތުރު ކޮރެއާއިން ވަނީ 100،000 ވޮލަންޓިއަރ ސިފައިން ހުށަހަޅާފައެވެ.

"އުތުރު ކޮރެއާގެ 100،000 ވޮލަންޓިއަރުން އައިސް ހަނގުރާމައިގައި ބައިވެރިވާން ތައްޔާރަށް ތިބި ކަމަށް ރިޕޯޓްތައް ބުނޭ،" ރަޝިޔާގެ ޑިފެންސް އެނަލިސްޓް އިގޯ ކޮރޮޗެންކޯ ރަޝިޔާގެ ޗެނަލް ވަން އަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވިއެވެ.

އުތުރު ކޮރެއާގެ އަސްކަރިއްޔާއަކީ "ހަނގުރާމައިގެ މަައިދާނުގައި ތަޖުރިބާގެ މުއްސަނދި" ބައެއްގެ ގޮތުގައި ފާހަގަކޮށް އުތުރު ކޮރެއާއަށް ތައުރީފު ކުރައްވަމުން ކޮރޮޗެންކޯ ވިދާޅުވީ އުތުރު ކޮރެއާގެ ސިފައިންނާއި އެމީހުންގެ ތަޖުރިބާއަށް ރަޝިޔާއިން މަރުހަބާ ކިޔަން ޖެހޭ ކަމަށެވެ.

"ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވެދީ ބައިނަލްއަގްވާމީ ވާޖިބު އަދާކުރުމަށް އުތުރު ކޮރެއާއިން އެދޭކަން ހާމަކޮށްފި ނަމަ އަޅުގަނޑުމެން އެމީހުންގެ އެހީ ބަލައިގަންނާނަން،" ކޮރޮޗެންކޯއާ ހަވާލާދީ ރަޝިޔާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރިއެވެ.

ނިއުޔޯކުގައި ހުންނަ ކައުންސިލް ފޯ ފޮރިން ރިލޭޝަންސުން ބުނާ ގޮތުގައި އުތުރު ކޮރެއާގެ އަސްކަރިއްޔާއަކީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އެވެ. އުތުރު ކޮރެއާގެ އަސްކަރިއްޔާގައި ގާތްގަނޑަކަށް 1.3 މިލިއަން މީހުން ހަރަކާތްތެރިވާ ކަމަށްވެއެވެ. އަދި ރިޒާވް ސިފައިންގެ ގޮތުގައި އިތުރު 600،000 މީހުން ހިމެނެއެވެ.

ނަމަވެސް ދިފާއީ ތަޖުރިބާކާރުން ބުނާ ގޮތުގައި އުތުރު ކޮރެއާގެ އަސްކަރިއްޔާއިން ބޭނުންކުރަމުންދަނީ މުސްކުޅިވެފައިވާ ސާމާނާއި ޓެކްނޮލޮޖީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން