ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބަދަލުވުމަށް ޝަރުތު ހަމަވާވަރަށް މާކްސް ނުލިބިގެން ވަޒީފާއިން ވަކިކުރި 10 މުވައްޒަފުނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފިއެވެ.

އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައިކޯޓުންވެސް އަންގާފައިވަނީ އެ މީހުންނަށް އަލުން ވަޒީފާ ދިނުމަށެވެ. އެހެންކަމުން އެ މައްސަލަ އިލްތިމާސްކޮށް ޖޭއެސްސީން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން ގޮތެއްނިންމާފައެއް ނުވެއެވެ.

ޝަރުއީ ކޯޓުތަކުގެ އިދާރީ ހިންގުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލުގެ ދަށުން ކޯޓުތައް ކްލަސްޓަރތަކަކަށް ބަހާލައި، އަލަށް އުފެއްދި ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގެ މަސްއޫލިއްޔަތު ބައެއް ކޯޓުތަކުގައާއި ޖުޑީޝަލް ދާއިރާގައި ތިއްބެވި ކޯޓު އެޑްމިނިސްޓްރޭޓަރުންނާ ހަމަސްދުވަހަށް ހަވާލު ކުރުމަށް ޖޭއެސްސީން ނިންމިއެވެ.

އަދި ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގެ މަސްއޫލިއްޔަތުގެ ޒިންމާ އަދާކުރާ ގޮތް ބެލުމަށް ވަށައިޖެހޭ އެޕްރައިޒަލް ނިޒާމެއް ތައާރަފްކޮށް އެ ނިޒާމުގެ ތެރެއިން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރިއިރު 70 ޕަސެންޓަށްވުރެ ދަށުން މާކްސް ލިބުނު 10 މުވައްޒަފުން ތިބި ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.

އޭގެތެރެއިން ހަތްދިހަ އިންސައްތަ މާކްސް ނުލިބޭ 10 މުވައްޒަފުން ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި މާލޭގައި ގާއިމް ކޮށްފައިވާ ސުޕީރިއާ ކޯޓުތަކުގެ އިތުރުން ހައިކޯޓާއި ބައެއް މެޖިސްޓްރޭޓްކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން