ވޮލީ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާއްވަން ހަމަޖެހިފައިވާ "މައިހުޅުމާލެ ވޮލީ ބޯލް ކޭމްޕް 2022" އިފްތިތާހް ކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ކޭމްޕް އިފްތިތާހްކޮށްދެއްވީ އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރ ޝާތިރު އަބްދުލް ރަހްމާނެވެ.

އެޗްޑީސީން ބުނީ، މި ކޭމްޕަކީ، މާލެ ސަރަހައްދުގެ ދެޖިންސްގެ ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގާ ކޭމްޕެއް ކަމަށެވެ. އަދި މިދިޔަ އަހަރު ބޭސިކް ސްކިލްސް ދަސްކޮށްދިން ކުދިންނަށް އިތުރު ތަމްރީން ދިނުމަށް މިފަހަރު އެޑްވާންސް ސްކިލްސް ދަސްކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

10 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ކޭމްޕްގައި ޖުމްލަ 100 އަށްވުރެ ގިނަ ކުދިން ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ، މި ކޭމްޕް ކުރިއަށް ގެންދާނީ ފެސްޓިވަލެއްގެ ގޮތުގައި މިއަދުން ފެށިގެން ކަމަށާއި މިކޭމްޕް ނިންމާލެވޭނީ ބައިވެރިވާ ކުދިންގެ މެދުގައި 1 ދުވަހުގެ މުބާރާތެއް ބޭއްވުމާއި އެކުގައި ކަމަށެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެގައި ވޮލީ ކުޅުމަށް ޝައުގުވެރިވެފައިވާ ފަރާތްތައް ގިނަވުމާއިއެކު އެ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން މައިހުޅުމާލެ ވޮލީ ކޯޓެއް ހުޅުވާފައިވާ ކަމަށެވެ. މި މައިހުޅުމާލެ ވޮލީކޯޓްގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ކޯޓް ހުންނާނީ ފިޔަވަތި ފަހަތުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

މިއީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ވޮލީބޯލް ވެޓެރެންސްއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާ މުސްތަގުބަލުގައި ވެސް މިފަދަ ކުޅިވަރުތައް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން