ބަންގްލަދޭޝްގައި ކަރަންޓް ހަރަދު ކުޑަކުރަން، ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސްތަކާއި ވަގުތު މަދުކޮށް، ސަރުކާރުގެ އޮފީސްތަކާއި ބޭންކުތައް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމަށް ނިންމައިފިއެވެ.



އެގޮތުން ކުރިން އަށް ގަޑިއިރު ޚިދުމަތްދެމުންދިޔަ ބޭންކު ތަކާއި ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނަ ވަގުތު ވަނީ ހަތް ގަޑިއިރަށް ކުޑަކޮށްފައެވެ. ނަމަވެސް އަމިއްލަ އޮފީސްތަކުން އަމިއްލައަށް ޝެޑިއުލްތައް ކަނޑައެޅުމުގެ ހުއްދަ ދޭނެ ކަމަށް ބަންގްލަދޭޝް ސަރުކާރުން ހާމަކޮށްފައިވެއެވެ. އަދި ބަންގްލަދޭޝްގައި މިހާރުވެސް ގިނަ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފައިވީނަމަވެސް، ހަފްތާގެ ކޮންމެ ހޮނިހިރެއްގައި ސްކޫލްތައް ބަންދުކުރުމަށް ނިންމާފައިވާކަން ކެބިނެޓް ސެކްރެޓަރީ ޚަންދްކެރް އަންވަރޫލް އިސްލާމް ހޯމަ ދުވަހު ވިދާޅުވެފައިވެއެވެ.

މިފަދަ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވަނީ ޔޫކްރޭންގެ ހަނގުރާމައިގެ އަސަރުތަކާ ގުޅިގެން ބަންގްލަދޭޝްގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި ކަރަންޓް ބޭނުންކުރުން މަދުކުރުމަށެވެ. އެގޮތުން ކަރަންޓް ހަރަދު ކުޑަކުރަން ގެނައި މިބަދަލުތަކަށް މިއަދުން ފެށިގެން އަމަލު ކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ރިޕޯޓުތައް ބުނާގޮތުންް ބަންގްލަދޭޝްގައި މިދިޔަ މަހު ވަނީ ތެލުގެ އަގު 50 ޕަސެންޓަށް ވުރެ ބޮޑުކޮށްފައެވެ. ތެލުގެ އަގު އުފުލުމާއި ގުޅިގެން ކަންބޮޑުވުން އުފެދިފައިވާ މިދަނޑިވަޅުގައި، ސަރުކާރުން ބުނަނީ ރަޝިޔާއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތްތައް ހޯދަމުން ދާކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބައިނަލްއަގްވާމީ ތެލުގެ އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގައި ގެއްލުން ކުޑަކުރަން މުހިންމުކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން، ޚަރަދު ކުޑަކުރުމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ޑީސަލް އިން ހިންގާ ހުރިހާ އިންޖީނުގެތަކެއް ބޭނުންކުރުން ހުއްޓާލައިފައެެވެ. އަދި، ދުވާލަކު ކަރަންޓް އުފައްދާ މިންވަރުން 1،000 މެގަވޮޓް މަދުކުރުމާއިއެކު، އެކިސަރަހައްދުތަކުން ގިނަގިނައިން ކަރަންޓް ކެނޑެމުންދާކަމަށްބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން