7 އަހަރުގެ "ވިއާން ޑެވް" އޭނާ ހެދި ޓަވަރާއެކު
7 އަހަރުގެ "ވިއާން ޑެވް" އޭނާ ހެދި ޓަވަރާއެކު
ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ލޮކްޑައުން" ގެ ހާލަތު އިއުލާނު ކުރުމާއި އެކުގައި، މީސްމީހުންގެ ތަފާތު ގިނަ ހުނަރުތައް އެކި ގޮތްގޮތައް ދަނީ ދައްކަމުންނެވެ.

އެގޮތުން އެންމެ 7 އަހަރުގެ "ވިއާން ޑެވް" ވެސް ވަނީ އޭނާގެ ހުނަރު ދައްކާލާފައެވެ. ވިއާން ވަނީ ފަރަންސޭސިވިލާތުގެ މަޝްހޫރު "އައިފިލް ޓަވަރ" ގެ މޮޑެލްއެއް ހަދާފައެވެ.



"ގަލްފް ނިއުސް" އާއި ވާހަކަ ދައްކަމުން ވިއާން ބުނެފައި ވަނީ، ޖުމްލަ 2750 އަލިފާން ދަނޑި ބޭނުންކޮށްގެން ހަދާފައިވާ މި މޮޑެލް ގެ އުސްމިނުގައި 95 ސެންޓިމީޓަރު ހުންނަކަމަށެވެ. އިންޑިއާގެ ކެރެލާއަށް އުފަން ވިއާން ޑެވް މި ޓަވަރު ހެދުމަށްޓަކައި 95 ގަޑިއިރު ހޭދަކޮށްފައި ވެއެވެ. އެއީ 15 ދުވަސް މަތިން ދުވާލަކު ގާތްގަނޑަކަށް 6 ގަޑިއިރެވެ. ތެރަސް ބޭނުންކޮށްގެން ހަދާފައިވާ މިޓަވަރަކީ ވިއާން ވަރަށް ކުރާހިތުން ކުރިކަމެއް ކަމަށް އޭނާ ބުނެއެވެ. މި ޓަވަރު ހެދުމަށް ބޭނުން ކުރި އަލިފާން ދަނޑި އަކީ ބަޑިބޭސް ކޮޅު ނުހުންނަ ވައްތަރުގެ ދަނޑިއެވެ.



ޑުބާއީގެ "ޖެމްސް ހެރިޓެޖް އިންޑިއަން ސްކޫލް"ގެ ގުރޭޑް 2 ގައި ތަޢުލީމު ހާސިލުކުރަމުންދާ ވިއާން ބުނީ، މި މަސައްކަތަކީ އޭނާގެ ބައްޕަ ދިން ޚިޔާލެއްކަމަށާއި، އެންމެ ފުރަތަމަވެސް މަސައްކަތް ފެށީ ނުހަނު ކުރާހިތުން ކަމަށެވެ. އެގޮތުން ޓަވަރު ހަދާހިތުން ބައްޕަ ކައިރީގައި ކޮންމެ ދުވަހަކު އަހާކަމަށް ވިއާން ބުނެއެވެ.

މި މަސައްކަތައްފަހު ދެން ހަދާނީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ "ބުރްޖް ޚަލީފާ" ކަމަށް ވިއާން ބުންޏެވެ.

މަސައްކަތް ކުރީ ނުހަނު ކުރާހިތުން ކަމަށާއި، ޓަވަރު ނިމުމުން ވަރަށް އުފާވެ ފަޚުރުވެރިވާ ކަމަށް ވިއާން ބުނެއެވެ.



ވިއާންގެ ބައްޕަ ބުނާގޮތުގައި ވިއާން އަކީ އާންމުގޮތެއްގައި ވެސް މިކަހަލަ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އެގޮތުން ވިއާން ވަނީ 1000 އެތިކޮޅުގެ ޕަޒްލްއެއް 10 ދުވަސް ތެރޭގައި ނިންމާލާފައެވެ. "މި މަސައްކަތް ވިއާން އާއި ހަވާލު ކުރުމުގެ ބޭނުމަކީ ޓީވީ އާއި އެހެނިހެން ވަސީލަތްތަކުން ދުރުކޮށް، ކުއްޖާގެ ހުނަރާއި ވިސްނުން ބޭނުންކޮށްގެން މަސައްކަތް ކުރުވުން،" ވިއާން ގެ ބައްޕަ ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން