އަނިޔާވެރިކަމާއެކު އުއިގަރ ނަސްލު ނައްތާލަން މަސައްކަތްކުރިކަން، ގިނަ ދުވަސްތަކަކަށް ފަހު ނެރުނު އދ ގެ ރިޕޯޓާއެކު، ޔަގީންވެފައިވާކަމަށާއި، އަދި މިކަމަށް ޗައިނާއިން ޒިންމާ ނަގައި ޖަވާބުދާރީ ވާންޖެހޭނެކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

"މި ރިޕޯޓުން، ޗައިނާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އުއިގަރ ނަސްލުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އަލުން ކަށަވަރުކޮށްދީފި،" ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް އިޝާރާތް ކުރައްވައި ބްލިންކަން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.





"ނުހައްގުން ބަންދުކުރި މީހުން މިނިވަންކޮށް، ގެއްލުން ލިބުނު މީހުންނާމެދު ޖަވާބުދާރީކޮށް، މިނިވަން ތަހުގީގެއް ހިންގުމަށް، ކަމާބެހޭ ފަރާތްތަކަށް، ޝިންޖިއާންގް، ޓިބެޓް އަދި މުޅި ޕީއާރުސީއަށް ފުރިހަމައަށް ހުރަހެއް ނެތި ވަދެވޭނެ ގޮތް ހެދުމަށް އަޅުގަނޑުމެން ޕީއާރުސީއަށް ގޮވާލަން." ބްލިންކަން ވިދާޅުވި އެވެ.

ޝިންޖިއާންގް އުއިގަރ އޮޓޮނޮމިކް ރީޖަން (އެކްސްޔޫއޭއާރު) ގެ ނަމުން މަޝްހޫރު ވެފައިވާ ޝިންޖިއާންގްގައި ގާތްގަނޑަކަށް 12 މިލިއަން އުއިގަރ ނަސްލުގެ މީހުން ދިރިއުޅެމުންދާއިރު، މީގެތެރޭގައި ގިނައީ މުސްލިމުންނެވެ. އުއިގަރ ނަސްލުގެ މީހުންނަނީ ތުރުކީ ބަހާއި އެއްގޮތް އަމިއްލަ ބަހަކުން ވާހަކަ ދައްކާ ބައެކެވެ. އަދި އެމީހުންނަކީ ސެންޓްރަލް އޭޝިއާގެ ގައުމުތަކާ ސަގާފީ ގޮތުންނާއި ނަސްލީ ގޮތުން ގާތް ބައެއްގެ ގޮތުގައި ދެކޭ ބައެކެވެ. އުއިގަރ މީހުންނަނީ ޗައިނާގެ ޝިންޖިއާންގް ސަރަހައްދުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނެވެ.

ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ހާން ޗައިނީސް (ޗައިނާގެ ނަސްލީ މެޖޯރިޓީ) ގެ ގިނަ ބަޔަކު ޝިންޖިއާންގް ސަރަހައްދަށް ހިޖުރަކޮށް، އެތަނުގެ މައިނޯރިޓީ ކަމަށްވާ އުއިގަރ ނަސްލުގެ މީހުން ނިސްބަތްވާ އާބާދީ ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރަށް ތުހުމަތު ކުރެއެވެ. އަދި ޗައިނާއިން މުސްލިމުންނަށް އަމާޒުކޮށް އެ ސަރަހައްދުގައި ދީނީ އަމަލުތައް ކުރުން މަނާކުރުމުގެ އިތުރުން މިސްކިތްތަކާއި މަހާނަތައް ނައްތާލުމުގެ ތުހުމަތު ޗައިނާ ސަރުކާރަށް ކުރެއެވެ.

އދ.ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރު) ގެ ރިޕޯޓުގަައި، މީހުންނަށް އަނިޔާކުރުމުގެ އަމަލުތަކަށް އިތުބާރު ހުރި ހެކިތައް ފެނުނު ކަމަށާއި އެއީ "އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް" ކަމަށް ބެލެވޭކަމަށް ކޮމިޝަނަރުގެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ގޮނޑިއެއްގައި އަތާއި ފައި އައްސައި މީހުންނަށް އަނިޔާކުރުމާއި، އަންހެނުން ރޭޕްކޮށް، މީހުން އެކަހެރިކޮށް ބަންދުކޮށްފައި ތިބި ކަމުގެ ތުހުމަތުތައް ހިމަނާފައިވެ އެވެ. އަދި ޕްރެޝަރުގައި ފެންޖެހުމާއި، އާންމުންނާ ދެކޮޅަށް ކުރިއަށްގެންދާ ތަހުގީގުތަކުގައި އަނިޔާވެރިކަމާއެކު ސުވާލު ކުރަމުންދާކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ހިއުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވެސް ވަނީ ޝިންޖިއާންގްގައި އުއިގަރ ނަސްލުގެ މީހުންނާއި އެހެން މުސްލިމް މައިނޯރިޓީތަކާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގަމުންދާ ކަމަށް ޗައިނާ ސަރުކާރަށް ތުހުމަތުކޮށްފަ އެވެ. އެމެރިކާ ސަރުކާރާއި އެހެން ގައުމުތަކުން ވެސް މިކަމަކީ އުއިގަރ ނަސްލުގެ މީހުން ނައްތާލުމައް ކުރަމުންދާ ކަމެއްކަމަށް ޗައިނާއަށް ތުހުމަތު ކުރިނަމަވެސް އދ ގެ ރިޕޯޓުގައި ސީދާ މިފަދަ ތުހުމަތެއްކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން