ފުރާވަރުގެ ކުދިން ވޭޕް ކުރުމަކީ "ނިކޮޓީން އެޑިކްޝަނުން ސަލާމަތްވުމަށްވުރެ، ނިކޮޓީން އެޑިކްޝަނަށް މަގުފަހިވާނެ މަގެއް" ކަމަށް ބުނެ ތަޖުރިބާކާރުން އިންޒާރު ދީފިއެވެ.

މި އިންޒާރު ދީފައި މިވަނީ ވޭޕްކޮށް އުޅޭ ގިނަ އަދަދެއްގެ މީހުންގެ ތެރެއިން ފުރާވަރުގެ ގިނަ ކުދިންނަކީ ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ކުދިންކަމަށް އާ ދިރާސާއަކުން ދައްކާފައިވާތީއެވެ.

ޓޮބަކޯ ފްރީ ރިސާޗް އިންސްޓިޓިއުޓް އަޔަލޭންޑްގެ މި ދިރާސާއިން ހާމަކޮށްފައިވާގޮތުން، އީ-ސިނގިރޭޓް ނުވަތަ ވޭޕް އަލަށް ބޭނުންކުރަންފެށި މީހުންގެ ތެރެއިން، 16 އަހަރާއި 17 އަހަރުގެ ކުދިންގެ ނިސްބަތް 2014 ވަނަ އަހަރު 23 އިންސައްތައިން 2019 ވަނަ އަހަރު 39 އިންސައްތައަށް އިތުރުވެފައިވެއެވެ. އަދި އީ-ސިނގިރޭޓް ނުވަތަ ވޭޕް އަލަށް ބޭނުންކުރަންފެށި ފުރާވަރުގެ ކުދިންގެ ތެރެއިން 68 އިންސައްތަ ކުދިންނަކީ މީގެކުރިން ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ކުރި ކުދިން ނޫންކަމަށް ދިރާސާ ރިޕޯޓުގައިވެެއެވެ.

މި ދިރާސާ ރިޕޯޓުގައިވާގޮތުން، އީ-އީ-ސިނގިރޭޓް ނުވަތަ ވޭޕް އަލަށް ބޭނުންކުރަންފެށި ފުރާވަރުގެ ކުދިންގެ ތެރެއިން 66 އިންސައްތަ ކުދިން ވޭޕް ކުރަންފެށީ މިކަމަށް ހުރި ޝައުގުވެރިކަމަކުންނެވެ. އަދި 29 އިންސައްތަ ކުދިން ބުނެފައިވާ ގޮތުން، އެކުދިން ވޭޕް ކުރަންފެށީ އެކުވެރިން ވޭޕް ކުރާތީއެވެ. މީގެއިތުރުން، ތިނެއް އިންސައްތަ ކުދިން ވޭޕް ކުރަން ފެށީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށްކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ދިރާސާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔޫރަޕިއަން ރެސްޕިރޭޓަރީ ސޮސައިޓީގެ ޓޮބަކޯ ކޮންޓްރޯލް ކޮމިޓީގެ ޗެއާ ޕްރޮފެސަރު ޖޮނަތަން ގްރިގް ވިދާޅުވީ މި ހޯދުންތަކަކީ ހަމައެކަނި އަޔަލޭންޑްގެ ފުރާވަރުގެ ކުދިންގެ މައްސަލައެއް ނޫން ކަމަށާއި މުޅި ދުނިޔޭގެ އާއިލާތަކަށް ކަންބޮޑުވާނެ ހޯދުންތަކެއް ކަމަށެވެ.



މީގެއިތުރުން، މިއަހަރުގެ ކުރީކޮޅު، އެކްޝަން އޮން ސްމޯކިން އެންޑް ހެލްތު (އޭއެސްއެޗް) އިން ނެރުނު ވަކި ރިޕޯޓެއްގައި، ކުޑަކުދިން ވޭޕް ކުރާ ނިސްބަތް އިތުރުވަމުންދާ ކަމަށާއި، އަދި ގިނަ ކުޑަކުދިންނަށް ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ސައިޓްތަކުގެ ނުފޫޒު ފޯރާ ކަމަށް ބުނެފައި ވެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ގިނަ ގައުމުތަކުގައި 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތް ހިމެނޭ ބާވަތްތަކާއި، ވޭޕް ވިއްކުމަކީ ގާނޫނާ ހިލާފު ކަމެއް ނަމަވެސް، މިހާރު 11 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ވޭޕް ވިއްކުމުގެ ނިސްބަތް، 2020 ވަނަ އަހަރު 4 އިންސައްތައިން 2022 ވަނަ އަހަރު 7 އިންސައްތައަށް އިތުރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން