ފޮރުވާފައި ހުރި 20 ވަރަކަށް މިލިއަން އެމެރިކާ ޑޮލަރު
ފޮރުވާފައި ހުރި 20 ވަރަކަށް މިލިއަން އެމެރިކާ ޑޮލަރު
ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ ސަރުކާރުގައި އިސްކޮށް އުޅުއްވި ވަޒީރަކާ ގުޅޭގޮތުން ހިންގާ ކޮރަޕްޝަންގެ މައްސަލައެއްގެ ތަޙުޤީޤުގެ ތެރެއިން، އެކި ތަންތަނުގައި ފޮރުވާފައި ހުރި 20 ވަރަކަށް މިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހޯދައިފިއެވެ.

ނޭޝަނަލް އެސެޓް ރިކަވަރީ އެންޑް ޕްރޮޓެކްޝަން އޮފީސް (އެންވީވީއެޗް) އިން ހިންގި ދެ ދުވަހުގެ ޚާއްޞަ އޮޕަރޭޝަނެއްގައި މި ފައިސާތައް ހޯދާފައިވަނީ ތިޖޫރީތަކާއި، ގުދަންތަކުގެ އިތުރުން ޖަންގަލިތަކާއި ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުގައި ވަޅުލާފައި ވަނިކޮށެވެ.

މިއީ އޯރްބާންގެ ވެރިކަމުގައި ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރުކަން ކުރެއްވި މިކްލޯސް ސެޒްޓާކްގެ މައްޗަށް ދައުލަތުގެ ޓްރާންސްޕޯޓް ކުންފުންޏަކާ ގުޅުވައިގެން ކުރެވޭ ރިޝްވަތުގެ ތުހުމަތުތަކަކާ ގުޅިގެން ހޯދި ފައިސާތަކެއް ކަމަށްވާއިރު، ސެޒްޓާކް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ފެނުނު ފައިސާގެ ތެރޭގައި ޔޫރޯ އާއި ޑޮލަރު އަދި ފޮރިންޓް ހިމެނޭއިރު، ޖުމްލަ 19.5 މިލިއަން ޑޮލަރަށް އަރާ މި ފައިސާ މިހާރު ވަނީ ހަންގޭރީގެ ދައުލަތުގެ ޚަޒާނާއަށް ޖަމާކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހު ބޮޑު ކާމިޔާބީއަކާއެކު ވެރިކަމާ ހަވާލުވެވަޑައިގަތް އައު ބޮޑުވަޒީރު ޕީޓަރ މަގްޔާރު އަންނަނީ "އޮޕަރޭޝަން ޕާގަޓަރީ" ގެ ނަމުގައި ކުރީގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވަމުންނެވެ.

މި އޮޕަރޭޝަނުގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކުރީގެ ބައެއް ވަޒީރުންނާއި ސެންޓްރަލް ބޭންކުގެ ކުރީގެ ވެރިޔާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ޤަވާޢިދާ ޚިލާފަށް މީހުން އެތެރެކުރުމުގެ މައްސަލައެއްގައި އޯރްބާންގެ ކޮއްކޮ ވެސް ދާދިފަހުން ހައްޔަރުކޮށްފައިވާއިރު، ކުރީގެ ބޮޑުވަޒީރު އޯރްބާން ސިފަކުރައްވާ ގޮތުގައި މިއީ ސިޔާސީ ވާދަވެރިން ނައްތާލުމުގެ ބޭނުމުގައި އޭނާއަށް އަމާޒުކޮށްގެން ހިންގާ ސިޔާސީ ބަދަލުހިފުމުގެ އަމަލުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު