ބޮލީވުޑްގެ ތަރި ސުޝާންތު ސިންހް ރާޖްޕުތު: އޭނާ ވަނީ އަމިއްލަ އަށް ދަންޖެހިގެން މިއަދު މަރުވެފަ
ބޮލީވުޑްގެ ތަރި ސުޝާންތު ސިންހް ރާޖްޕުތު: އޭނާ ވަނީ އަމިއްލަ އަށް ދަންޖެހިގެން މިއަދު މަރުވެފަ
ބޮލީވުޑްގެ ޒުވާން ތަރި ސުޝާންތު ސިންގހް ރާޖްޕުތު މިއަދުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 34 އަހަރުގެ އެކްޓަރު މަރުވެފައިވަނީ ދަންޖެހިގެން އަމިއްލައަށެވެ. ލޮކްޑައުންގައި އޭނާ އުޅެމުންދިޔައީ އެކަނި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އަމިއްލައަށް އޭނާ މަރުވި ސަބަބެއް ސާފެއް ނުވެއެވެ.

މިފަހުން އޭނާ އުޅުނީ ވަރަށް ބަލިވެ ކަމަށް ރިޕޯޓްތަށް ބުނެއެވެ. މީގެ ހަ ދުވަސް ކުރިން ސުޝާންތުގެ މެނޭޖަރުކަން ކުރި ޒުވާން އަންހެނަކު ވެސް އަމިއްލައަށް މަރުވެފައިވެއެވެ.

ސުޝާންތު އަމިއްލައަށް މަރުވެފައިމިވަނީ އޭނާގެ ކެރިއަރު ވެސް ރަނގަޅު ދުވަސްވަރެއްގައި ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާގެ އެންމެ ފަހުގެ ފިލްމް "ޗިޖޯރޭ"އަކީ ސުޕަހިޓް ފިލްމެކެވެ. ސުޝާންތަކީ ޓީވީ ސީރީސްތަކުން މަޝްހޫރުކަން ހޯދި ތަރިއެކެވެ. އެގޮތުން ޒީޓީވީގެ "ޕަވިތްރަ ރިޝްތާ"އިން ބޮޑު މަގުބޫލު ކަމެއް އޭނާ ހޯދި އެވެ. އޭގެ ފަހުން ފިލްމް "ކައިޕޯޗޭ"އިން ބޮލީވުޑަށް ތަޢާރަފުވިއެވެ.

އޭނާގެ އެކްޓިންއަކީ ފާޑުކިޔުންތެރިން ވެސް ވަރަށް ތައުރީފް ކުރާ އެކްޓިންއެއް ކަން ފާހަގަކޮށްލެވެއެވެ. އޭނާގެ އެންމެ ތަފާތު އަދި މޮޅު ފިލްމަކީ އިންޑިއާގެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ދޯނީގެ ބަޔޮޕިކްގެ ގޮތުގައި ގެނެސްދިން "އެމްއެސް ދޯނީ" އެވެ.

ސުޝާންތު އެންމެ ފަހުން އިންސްޓަގްރާމް ކޮށްފައިވަނީ އޭނާގެ މަންމަގެ ފޮޓޯއެކެވެ. ސުޝާންތުގެ މަންމަ ވަނީ އޭނާ ކުޑައިރު މަރުވެފަ އެވެ. ޒުވާން، ހުނަރުވެރި އެކްޓަރުގެ ކުއްލި މަރާއެކު ބޮލީވުޑަށް ވަނީ ސިހުން ލިބިފައެވެ. ގިނަ ބަޔަކު ސުޝާންތުގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުން އެބަގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން