ޗީފް  އެރިކާ ޝީލްޑްސް ރިޕޯޓަރަކާއި ވާހަކަ ދައްކަނީ
ޗީފް އެރިކާ ޝީލްޑްސް ރިޕޯޓަރަކާއި ވާހަކަ ދައްކަނީ
އެމެރިކާގެ އެޓްލާންޓާގައި ފުލުހަކު ކަޅުނަސްލުގެ މީހަކު ބަޑިޖަހާ މަރާލުމާ ގުޅިގެން އެސިޓީގެ ޕޮލިސް ޗީފް އިސްތިއުފާދީފިއެވެ.

އެމެރިކާގެ ސިޓީއެއް ކަމަށްވާ އެޓްލާންޓާގެ ޕޮލިސް ޗީފް އިސްތިއުފާ ދިނީ ނަމޫނާ ދެއްކުމުގެ ގޮތުންނެވެ. އެޓްލާންޓާގެ މޭޔަރ، ކެއިޝަރ ލޭންސް ބޮޓޮމްސްއާއި ހަވާލާދީ، "ގަލްފް ނިއުސް" ގައި ބުނެފައި ވަނީ ޗީފް އެރިކާ ޝީލްޑްސް އަކީ މުޅި ގައުމަށް ނަމޫނާ ދައްކާ ސިޓީއެއް ކަމުގައިވާ އެޓްލާންޓާ ވުމަށް މަސައްކަތް ކުރާ މީހެއްކަމަށާއި، މިހާދިސާއާއި ގުޅިގެން ޗީފް ވަގުތުން އިސްތިއުފާ ދިނީކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. 27 އަހަރުގެ "ރޭޝާޑް ބްރޫކްސް" ނަމަކަށް ކިޔާ މިމީހާ ވަނީ ބަޑިޖަހާ މަރާލާފައެވެ. ބްރޫކްސް އޮތީ ރެސްޓޯރެންޓެއްގެ މައިމަގަށް ނުކުންނަށް އޮންނަ މަގުގައި އޭނާގެ ކާރުގައި ނިދާފައެވެ. މިކަމާއި ގުޅިގެން އެހެނިހެން ކަސްޓަމަރުންނަށް އުނދަގުވާކަމަށް ބުނެ، އެ ރެސްޓޯރެންޓުން ފުލުހުންނަށް ގުޅީ ކަމަށްވެއެވެ.

ފުލުހުން އައިސް ބެލިބެލުމުން އެނގުނީ، ބްރޫކްސް ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، ހައްޔަރުކުރަން އުޅުމުން ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް "ޖޯޖިއާ ބިއުރޯ އޮފް އިންވެސްޓިގޭޝަންސް" އިން ނެރުނު ރިޕޯޓުގައި ވެއެވެ. މިގޮތަށް ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ތެރޭގައި ބްރޫކްސް ވަނީ ފުލުހެއްގެ އަތުން ކަރަންޓު ބަޑިއެއް ނެގުމަށް ފަހު ފިލަން މަސައްކަތް ކޮށްފައެވެ.

ފުލުހުން އޭނާ ފަހާ ދުވަނިކޮށް، ބްރޫކްސް ފަހަތައް އެނބުރި ފުލުހެއްގެ ގަޔައް ކަރަންޓު ބަޑި އަމާޒު ކުރީއެވެ. ހަމަ އަދި ހަމަ އެވަގުތު ފުލުސް މީހާ ބްރޫކްސް އާއި އަމާޒުކޮށް ބަޑިޖެހީކަމަށް ރިޕޯޓުގައި ވެއެވެ.

ބްރޫކްސް ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ވެސް ކޮށްފައިވެއެވެ. ނަމަވެސް އޭނާ ވަނީ އޮޕަރޭޝަނަށް ފަހު މަރުވެފައެވެ.

މިހާދިސާ އާއި ގުޅިގެން އެޓްލާންޓާގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް ފަހު، މޭޔަރ ވަނީ ބްރޫކްސް ގަޔަށް ބަޑި ޖެހި ފުލުސް މީހާ ވަޒީފާއިން ވަކިކުރިކަން އަންގާފައެވެ.

ނަސްލީ ތަފާތުކުރުން އިންތިހާއަށް ބޮޑު އެމެރިކާގައި މިހާދިސާ މިހިނގާ ދިޔައީ، އެމެރިކާގެ ކަޅުނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް ރަހުމު ކުޑަ ގޮތަކަށް މަރާލުމާއި ގުޅިގެން، އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުންދާ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން