ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ރޭ ފުލުހަށް ހާޒިރުވުމަށްފަހު ނުކުމެވަޑައިގެން އިންޓަރވިއު ދެއްވަނީ
ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ރޭ ފުލުހަށް ހާޒިރުވުމަށްފަހު ނުކުމެވަޑައިގެން އިންޓަރވިއު ދެއްވަނީ
ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހުން ބުނެފައިވަނީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް (ނޫމަޑި) ނަމަކަށްކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ފުލުހުންނަށް ދީފައިވާ ކަމަށެވެ.

އެގޮތުން ފުލުހުންނަށް ދޮގު ބަޔާނެއް ދީފައިވާތީ ޑރ. މުއިއްޒުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.

ނޫމަޑި މައްސަލައިގައި ޑރ. މުއިއްޒުއާއި ދެކޮޅަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އެޓަރނީ ޖެނެރަލް، އޭޖީ އޮފީހުން ފުލުހަށް ހުށަހަޅާފައިވާކަން އޭޖީ އޮފީހުން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

އޭޖީ އޮފީހުން އެކަމާގުޅިގެން އޭރު ނެރުނު ބަޔާނެއްގައި ބުނީ ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާއު ކުރައްވާފައި ކަމަށެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެންބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށްވެސް ބުނެފައި ވެއެވެ.

ނޫމަޑި މައްސަލާގައި މުއިއްޒު އަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ނުވަތަ ނޫން ކަން ތަހުގީގުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވާނެ ކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ބުނެފައެވެ.

ޑރ. މުއިއްޒުގެ މައްޗަށް މި މައްސަލާގައި ދަޢުލަތުން ދަޢުވާކޮށްފައި ވާއިރު، ޑރ. މުޢިއްޒު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕިއެމްގެ ޓިކެޓުގައި މާލޭސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން