ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް މިއަހަރު ނިންމާފައިވާ އިންޑިއާއިން، އިތުރު އެއްވެސް މާލީ އެހީތެރިކަމެއް ލަންކާއަށް ފޯރުކޮށް ނުދޭން ނިންމައިފިއެވެ.

އިންޑިއާއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ލަންކާ ސަރުކާރާއި އައިއެމްއެފާއެކު މާލީ އެހީ ހޯދުމުގެ އެއްބަސްވުމެއް ގާއިމުކުރަން ފަށާފައިވާ މަޝްވަރާތައް ކާމިޔާބުވުމަކާއި ގާތަށް މިސްރާބު ޖަހާފައިވަނިކޮށެވެ.

ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ދަތިކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ލަންކާއަށް މިއަހަރު އެންމެ ބޮޑު އެހީއެއް ފޯރުކޮށްދިނީ އިންޑިއާއިންނެވެ.

"އަޅުގަނޑުމެން މިހާރުވެސް 3.8 ބިލިއަން ޑޮލަރުގެ އެހީ ދީފިން. މިހާރު ދެން އޮތީ ހުރިހާ ކަމެއް އައިއެމްއެފަށް،" ލަންކާއާއެކު ކުރެވުނު މަޝްވަރާތަކުގެ ސީދާ މައުލޫމާތު ލިބިފައިވާ އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރޮއިޓަރސް އަށް މިކަމާބެހޭގޮތުން ވާހަކަ ދައްކަމުން ފާހަގަކުރިއެވެ.

"ގައުމުތަކަށް އަބަދަކު އެހީތެރިކަން ދެމުން ނުގެންދެވޭނެ."

މިކަމާ ގުޅިގެން ލަންކާއިން ވަނީ އިންޑިއާގެ ނިންމުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށާއި މީގެ ދެތިން މަސް ކުރިންވެސް މިނިންމުމާމެދު މައުލޫމާތު ލިބިފައިވާކަމަށް ހާމަކޮށްފައެވެ. އަދި މި އަހަރުގެ ފަހުކޮޅު ޖަޕާނާއި ޗައިނާ އަދި ދެކުނު ކޮރެއާއާ އެކު ލަންކާއިން ބޭއްވުމަށް ރާވާފައިވާ ޑޯނަރ ކޮންފަރެންސަށް އިންޑިއާއަށް ދައުވަތު ދޭނެ ކަމަށާއި، އިންޑިއާއާއިއެކު އޮންނަ ގުޅުން ކެނޑިގެން ނުދާނެކަމަށް ލަންކާއިން ހާމަކޮށްފައިވެއެވެ.

ނަމަވެސް އިންޑިއާއިން ލަންކާއަށް މާލީ އެހީ ދިނުން ހުއްޓާލުމާއި ބެހޭ ގޮތުން ދެގައުމުގެ މާލީ ވުޒާރާގެ ރަސްމީ ބަހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

މީގެއިތުރުން، ގާތްގަނޑަކަށް 2.9 ބިލިއަން ޑޮލަރުގެ ލޯނަކަށް ލަންކާއިން ވަނީ އައިއެމްއެފާއެކު މިހިނގާ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިބްތިދާއީ އެއްބަސްވުމަކަށް އައިސްފައެވެ. އައިއެމްއެފާއެކު މާލީ އެހީ ހޯދުމަށް އެއްބަސްވުމަކަށް އާދެވުނުއިރު، 22 މިލިއަނެއްހާ މީހުން ހިމެނޭ ލަންކާގެ އާބާދީގެ ގިނަބަޔަކު ތެލާއި، ކާބޯތަކެއްޗާއި، ބޭހާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ ދަތިކަން ތަހައްމަލު ކުރާތާ އެތައް މަސްތަކެއް ވެއްޖެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން