ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ، އަބްދުއްރަހްމާން ރަފީއު (ދޮންދިގު) 1 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދޮންދިގުގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވުމާއެކު އޭނާވަނީ ދައުވާއަށް އިޢުތިރާފްވެފައެވެ. އެހެންކަމުން އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންގޮސް މިއަދު ޙުކުމް އިއްވާފައިވަނީ 01 (އެކެއް) އަހަރާއި 02 (ދޭއް) މަހާއި 12 (ބާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.


އެހެންނަމަވެސް ޢަބްދުއްރަޙްމާނު ރަފީޢު ޖަލުގައި ތަންފީޒުކުރަންޖެހޭ މުއްދަތަކީ، 01 (އެކެއް) އަހަރާއި 01 (އެކެއް) މަހާއި 28 (އަށާވީސް) ދުވަސް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި ޢަބްދުއްރަޙްމާނުގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އޭނާގެ މައްޗަށް ދައުވާކުރީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.

ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި، އަލަމްގީރު 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިންވަނީ ހުކުމް ކޮށްފައެވެ. އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ 3 ދައުވާއަކަށް އިއުތިރާފު ވުމުންނެވެ.

އޭގެ އިތުރުން އަލަމްގީރުގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 (ސާޅީސް) ދަޢުވާ 17 ސެޕްޓެންބަރު 2022 ވަނަ ދުވަހު ޕީޖީ އޮފީހުންވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ޤާނޫނީވަކީލް ނާޒިމް އަބްދުއްސައްތާރު ގޭބަންދުކުރުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އަދި އެމައްސަލާގައި ހިމެނޭ ގިނަޢަދަދެއްގެ މީހުންގެ ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ މިހާރުދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު