ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އެ ގައުމުގެ ރަސްގެފާނުގެ ދަރިކަލުން އަދި ވަލީއަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާން އައްޔަން ކުރައްވައިފިއެވެ.

ސައުދީގެ ބޮޑުވަޒީރަށް ޕްރިންސް މުހައްމަދު ބިން ސަލްމާން އައްޔަންކުރެއްވިކަން އިއުލާންކުރީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ޝާހީ ގަރާރަކުންނެވެ.

މުހައްމަދު ބިން ސަލްމާނަށް ސައުދީގެ ބޮޑު ވަޒީރުކަން ދެއްވިއިރު، އެ މަގާމަކީ ސައުދީގެ ރަސްގެފާނަށް ހާއްސަވެފައި އޮންނަ މަގާމެކެވެ.

ޕްރިންސް މުހައްމަދު މިހާތަނަށް ހުންނެވީ ބޮޑުވަޒީރުގެ ނައިބުގެ މަގާމާއި ޑިފެންސް މިނިސްޓަރުގެ މަގާމުގައެވެ.

ސަލްމާން ރަސްގެފާނު ސައުދީގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި އާ ޑިފެންސް މިނިސްޓަރަކަށް ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި އެމަނިކުފާނުގެ ދަރިކަލުން ހާލިދު ބިން ސަލްމާން އައްޔަންކުރުން ހިމެނެއެވެ. އަދި އެނާޖީ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީވެސް ދަރިކަލެއް ކަމަށްވާ އަބްދުލްއަޒީޒް ބިން ސަލްމާންއެވެ.

ޕްރިންސް މުހައްމަދު ބޮޑުވަޒީރަކަށް އައްޔަންކުރުމުގެ ކުރިންވެސް ސައުދީގެ ސަރުކާރު ހިންގެވުމުގެ މުހިއްމު މަސައްކަތްތައް ކުރެއްވީ އެމަނިކުފާނެވެ.

ތިރީހަށް ވުރެ ގިނަ މިނިސްޓަރުންގެ މައްޗަށް އެކުލެވޭ ސައުދީގެ ކެބިނެޓަށް ބަދަލުތައް ގެންނެވި ނަމަވެސް، ފޮރިން މިނިސްޓަރާއި ފިނޭންސް މިނިސްޓަރު އަދި އިންވެސްޓްމެންޓް މިނިސްޓަރުގެ މަގާމަށް ބަދަލެއް ނުގެންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން