ޞާދިރު ޢަލީދީދީ   5 އޮކްޓޯބަރު 2022 - 5:28
ޤިޔާމަތުގެ އަލާމާތްތައް
ޤިޔާމަތުގެ އަލާމާތްތައް
(ކުރީގެ އަދަދާގުޅޭ)

* ދިރިގެން ތެދުވުން:

ދިރިގެންތެދުވުމަށް ޢަރަބިން ކިޔެނީ "ބަޢަޘް" އެވެ. މިއީ ޤިޔާމަތުގެ ދެވަނަ މަރުޙަލާއެވެ. ކީރިތި ޤުރްޢާނުގައި ޤިޔާމަތް ދުވަހަށް ތަފާތު އެތައްނަމެއް ދެވިފައިވާރު، އޭގެތެރެއިން "ޔައުމަލް ބަޢަޘް" ކިޔެނީ ދިރިގެންދިޔުން ނިސްބަތްކޮށެވެ. އެއީ، ޤިޔާމަތްދުވަހަކީ މީސްތަކުން އަލުންދިރިގެން ކައްވަޅުން ނިކުންނަ ދުވަހަށް ވާތީއެވެ.

އަލުންދިރިގެން އަންނަންފަށާނީ ތާޅަފިލީގެ އަޑާއެކުގައެވެ. ތާޅަފިލި ފުމެލުމާއެކު ޢީސާޢަލައިހިއްސަލާމުން ފެށިގެން ޤިޔާމަތާ ހަމައަށް އެންމެހައި މައްޔިތުން އެމީހެއްގެ މަޤާމުން ދިރިގެން ތެދުވާނެއެވެ. މިކަންވާނީ، ވާރޭވެހުމުން ބިމުން ނިރުތައް ފަޅައިގެން އަންނަހެންނެވެ. އެންމެ ފުރަތަމަ ތެދުވެވަޑައިގަންނަވާނީ ﷲ ގެ ލޮބުވެތި ޙަބީބު، މިއުއްމަތުގެ މާތް ނަބީއްޔާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެވެ. ދެން އެހެނިހެން މުއުމިނުންގެ ޤަބުރުތަކުން އެބައިމީހުން ތެދުވާނެއެވެ. ކާފިރުންވެސް ދިރިގެން ތެދުވާނެއެވެ. އަދި އެންމެހައި މަލާއިކަތުންނާއި، ޖިންނީންނާއި ޝައިތާނުތައްވެސް ދިރިގެންދާނެއެވެ. ބަޢަޘްވެވޭހިނދު މުޢުމިނުންގެ ދޫމަތީގައި ވާނީ މިފަދައިންނެވެ.

"އެންމެހާ ތަޢްރީފެއް ވަނީ ﷲ އަށެވެ. އެއީ އަޅަމެންގެ ކިބައިން ހިތާމަތައް ފިއްލެވި އިލާހެވެ. ހަމަކަށަވަރުން އަޅަމެން ހައްދަވައިގެންގުޅުއްވާ އިލާހަކީ ކަނޑައެޅިގެން ފާފަތައް ފުއްސަވާ މިންވަރަށް ޤަދަރު ކުރައްވާ އިލާހެވެ."

އެއާޚިލާފަށް، ކާފިރުން ގޮވާނެތެވެ. " އޭ އަޅަމެންގެ ހަލާކެވެ! އަޅަމެންގެ ދާނުން އަޅަމެން ހޭލައްވާ ފޮނުވީ ކާކުހެއްޔެވެ؟" އެހިނދު ބުނެވޭނެއެވެ. "މިއީ ރަޙްމާންވަންތަ އިލާހް ކުރައްވަވާފައިވާ ވަޢުދެވެ. އަދި ރަސޫލުން ހެއްދެވީ މުޅިންމެ ތެދެވެ."

ކޮންމެ ބަޔަކުވެސް ފޮނުވޭނީ އެބައެއްގެ ޢަމަލުކޮށްއުޅޭ ބަޔަކާއެކުގައެވެ. ހެޔޮއަޅުން ހެޔޮއަޅުންނާއެކުގައެވެ. ނުބައިއަޅުން ނުބައި އަޅުންނާއެކުގައެވެ. ޝަހީދުން ޝަހީދުންނާއެކުގައެވެ. ކާފަރުން ކާފަރުންނާއެކުގައެވެ. الله تعالى އާއުޑަކާއި އާބިމެއް އުފައްދަވާނެއެވެ. މައިދާންވާހުށީ އޮމާން ކަރުދާހެއްހެން ހުދުކުލައިގައެވެ. އިރުކައިރިއަށް އަތުވެދާނެއެވެ. އަދި ބިން ރަތުލޯގެ ތަވައެއްހެން ހޫނުވެދާނެއެވެ. މީސްތަކުންވާހުށީ އޮރިޔާން ހާލުގައެވެ. އެކަމަކު މީހަކަށް އަނެކެއްގެ އަދި ކީއްކުންރަތޯ އަމިއްލަ ހަށިގަނޑާމެދުވެސް ޚިޔާލުކޮށް ނުލެވޭނެއެވެ. އެކުވެރިއަކު ތިމާގެ ހާލުބަލާނުލާނެއެވެ. އިންސާނާ ތިމާގެ އަޚާއާއި މައިންބަފައިންނާއި އަނބިދަރިން ދޫކޮށް ދުވާނެއެވެ. އެންމެވެސް "މަގޭ ނަފްސޭ މަގޭ ނަފްސޭ" ގޮވާ ހަދާނެއެވެ. އެހެނަސް މާތް ނަބީއްޔާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގޮވާލައްވާނީ "އަހަރެންގެ އުއްމަތް، އަހަރެންގެ އުއްމަތް" މިފަދައިންނެވެ. އިރުގެ ހޫނުން ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލާއި އެއްގޮތަށް ދަލުގެތެރެއަށް ޣަރަޤުވެގެން ވާނެއެވެ. ބައެއްމީހުން ފައިގެ ކުޑަހުޅާއަމައަށް، އަދި ބައެއްމީހުން ކަކުލުހުޅާ އަމައަށް، ބައެއްބައިމީހުން އުނަގަނޑާ ހަމައަށް، އަދި އަނެއްބައި މީހުން ނޭފަތާ ހަމައަށް ދަލުގެ ކޯރުހެދި ޣަރަޤުވެގެންވާނެއެވެ.

ޙަދީޘްގައި އައިސްފައިވެއެވެ. ކޮންމެ މީހަކުވެސް މަޙްޝަރަށް ފޮނުއްވެވޭނީ އެ ޢަމަލެއްގެ މަތީގައި މަރުވިޢަމަލަކާއި އެއްގޮތަށެވެ. ޙައްޖުކުރަނިކޮށް މަރުވިމީހާ ތެދުވާނީ ތަލްބިޔާ ކިޔަމުންނެވެ. ރާބޮނިކޮށް މަރުވިމީހާ ޤަބުރުން ތެދުވާނީ މަސްތުވެގެންވާ ޙާލުގައެވެ. ﷲ ގެ މަގުގައި ޝަހީދުވިމީހާ ތެދުވާނީ އޭނާގެ ޒަޚަމްތަކުން ލޭފައިބާ ޙާލުގައެވެ. އެލޭގައި ގޮމަކަސްތޫރި އެކޭ އެއްގޮތަށް މީރުވަސް ދޮވާނެއެވެ.

އެންމެން ދުވެފާ ހައްދަވައިގެންގުޅުއްވާ އިލާހުގެޙަޟްރަތަށް ޙާޟިރުވަމުންދާއިރު، އެންމެވެސް ތިބޭނީ އިސްދަށަށް ޖެހިފައެވެ. އެތާނގައި ޢަރުޝީގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނުވާނެއެވެ. އެންމެން މަތިވެރި ޙައްޤު އިލާޙުގެ ހަޟްރަތުގައި އެއްތަނެއްގައި ހުއްޓި ކޮޅަށް ތިބޭނެއެވެ. އެތަނުގެ ނަމަކީ "މައުޤިފް" އެވެ.

ކީރިތި ޤުރްޢާނުގެ އެތައްތަނެއްގައި ބަޢަޘްގެ ވާހަކަ އައިސްފައިވެއެވެ. އަދި އޭގެ ދަލީލުތައް ބަޔާންވެގެންވެއެވެ. ކާފަރުން ބުނެއެވެ. "ފީވެގޮސްފައިވާ ކަށިތަކަށް ފުރާނައެޅުން އެއީ ކިހިނަކުންވާނެކަމެއްތޯއެވެ؟ އެކިފަހަރުމަތީން ﷲ އެމީހުން ހޭލުންތެރި ކުރުވުމަށް އެބައިމީހުންނަށް އަންގަވައިދެއްވުމަށް ވަޙީކުރައްވާފައި ވެއެވެ. "އަހަރެން ކަލޭމެން އެންމެ ފުރަތަމަ ހެއްދެވިގޮތަށް ދެވަނަ ފަހަރަށްވެސް ހެއްދެވުމަށް ކުޅަދުންވަންތައީމުއެވެ."

އަލުން ދިރުއްވުމާއި ބެހޭގޮތުން ކީރިތި ޤުރްޢާނުގައި ބަޔާންވެގެންވާ الله تعالى ވަޙީގެ ބަސްފުޅެއްގައިވެއެވެ. "އަދި އެމީހުން ބުންޏެވެ. އަހަރެމެން ކައްޓަށާއި އަދި ފީކުނޑިއަށް ވުމުންއަލުން އަހަރެމެން ފުރާނައެޅިގެން ނެރެވޭނެ ހެއްޔެވެ؟ ހަމަކަށަވަރުން އުޑާއި ބިން ހެއްދެވީ الله تعالىކަމާއި އަދި ދެވަނަފަހަރަށް އުފެއްދެވުމުގެ ކުޅަދުންވަންތަވެ ވޮޑިގެންވާކަން އެމީހުން ނުދެކެނީ ހެއްޔެވެ؟"

ކީރިތި ޤުރްޢާނުގައި އަންބިޔާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "އަހަރެން ކާއިނާތު ފުރަތަމަ ހެއްދެވި ފަދައިން ހަމައެގޮތަށް ދެވަނަ ފަހަރަށް ހައްދަވާނަމެވެ. އެއީ އަހަރެންގެ ޒިންމާގައި ފުރިހަމަކުރަންޖެހޭ ވަޢުދެކެވެ. އަހަރެން ކޮންމެހެންވެސް އެކަން ކުރައްވާނަމެވެ."

ޔާސީން ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ." ކަށިތައް މަށްޓަށްވުމުން ދިރުއްވާނީ ކޮންފަރާތަކުންހޭ ބުންޏެވެ. ބުނެދޭށެވެ. ފުރަތަމަ އެހެއްދެވި ފަރާތުން އެދިރުއްވާނެއެވެ. އަދި އެޒާތުގެ ހުރިހާ އެއްޗެއް ހައްދަވަން ދެނެވޮޑިގަންނަވައެވެ."

ޙައްޖު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " ދެވަނަފަހަރުގެ ދިރުމާމެދު ކަލޭމެން ޝައްކުގައިވާނަމަ، ފަހެ އަހަރެން ކަލޭމެން ފުރަތަމަ ފަހަރު މަށީން ހެއްދެވީމެވެ. ނޫޙް ސޫރަތުގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. " އަދި ﷲ އޭ ހެއްދުވުން ފެއްޓެވީ. ދެންދެވަނަ ފަހަރަށްވެސް ހައްދަވާނީ. އަދި އެއީ އެ ޢިލާހަށް ވަރަށް ފަސޭހަކަމެކެވެ."

ކޮންމެއަކަސް ޤުރްޢާނުގައި ބަޢަޘްގެ ޙައްޤު ތެދުކަމާއިމެދު އެތައްތަނެއްގައި ގަދަ އަޅުއްވާފައިވެއެވެ. އަދި އެ މައްޗަށް އީމާންނުވެ އެކަކުވެސް މުސްލިމަކަށް ނުވާނެއެވެ.

******

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން