ސަންނާ އިރުޝާދު މައްޓޫ
ސަންނާ އިރުޝާދު މައްޓޫ
ޕުލިޓްޒަރ އިނާމު ދިނުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވުމަށް އެމެރިކާއަށް ފުރަން އުޅުނު އިންޑިއާގެ ނޫސްވެރިއަކު ފްލައިޓަށް އެރިޔަނުދީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވައިފިއެވެ.

އިންޑިއާގެ ކަޝްމީރުގެ އެންމެ ބޮޑު ސިޓީ ސްރީނަގަރުގައި ދިރިއުޅެމުން އަންނަ ސަންނާ އިރުޝާދު މައްޓޫ އަކީ އެސަރަހައްދުން ރޮއިޓާސްގެ ޓީމުގައި ހިމެނޭ ފޮޓޯގްރާފަރެކެވެ. އޭނާއަށް ފޮޓޯގްރަފީ ދާއިރާއިން ޕުލިޓްޒާ އެވަރޑް ލިބިފައިވަނީ އިންޑިއާގައި ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާ ގުޅޭ ގޮތުން 2022 ވަނަ އަހަރު ނެގި ފީޗާ ފޮޓޯގްރަފީގެ ދާއިރާއިންނެވެ.

އިންޑިއާގެ ޕާސްޕޯޓެއް ގެންގުޅޭ ސަންނާ ބުނީ ސައްހަ ވިސާއަކާއި ޓިކެޓެއް އޮތްނަމަވެސް، ހޯމަ ދުވަހުގެ ރޭ ނިއުދިއްލީ އެއާޕޯޓުގެ އިމިގްރޭޝަނުން ހުއްޓުވައި، އެމެރިކާއަށް ދަތުރު ކުރުމަށް ހުރަސް އެޅި ކަމަށެވެ.

މިކަމާ ކަންބޮޑުވެ ކުރި ޓްވީޓެއްގައި ސަންނާ ބުނެފައިވަނީ އޭނާއަށް "އެވޯޑް ހަފްލާގައި ބައިވެރިވެވޭ ގޮތް ވުމަކީ އުމުރުން އެއްފަހަރު ލިބޭނެފަދަ ފަހުރުވެރި ފުރުސަތެއް،" ކަމަށެވެ.

އަދި މިކަމާ ބެހޭގޮތުން ރޮއިޓާސް އިން ކުރި ސުވާލުތަކަށް އިންޑިއާގެ ހޯމް މިނިސްޓްރީން ޖަވާބެއް ނުދިންއިރު، ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން ބުނާނެ އެއްވެސް ބަހެއް ނެތް ކަމަށެވެ.

އެގޮތުން ރޮއިޓާސް އިން ބުނީ އެމެރިކާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ސަންނާގެ ދަތުރު ހުއްޓުވޭނެ އެއްވެސް ސަބަބެއްގެ ތަފްސީލު ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

"އޭނާ އަށް އިންޑިއާއިން ބޭރަށް ދިއުމުގެ ހުއްދަ ނުދެވުނީ ކީއްވެގެން ކަމެއް ރަސްމީކޮށް ބަޔާންކޮށްފައެއް ނުވޭ، އެކަމަކު އަހަރުމެން ގަބޫލުކުރާ ގޮތުގައި ނޫސްވެރިންނަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެ ގޮތް ހެދެން ޖެހޭނެ،" ރޮއިޓާސްގެ ބަޔާނުގައިވެ އެވެ.

ހިމާލަޔާން ފަރުބަދަ މަތީ ސަރަހައްދު ކޮންޓްރޯލް ކުރަނީ އިންޑިއާ އާއި އަވަށްޓެރި ޕާކިސްތާނުންނެވެ. އެސަހައްދަށް ބާރު ފޯރުވުމަށް ޕާކިސްތާނާއި އިންޑިއާއިން ދައުވާ ކުރާއިރު، ދެ ގައުމުން ވެސް ކޮންޓްރޯލް ކުރަނީ ހަމައެކަނި އެ ސަރަހައްދުގެ ބައެއް ސަރަހައްދުތަކެވެ. މިއާއެކު އިންޑިއާގެ ބެލުމުގެ ދަށުގަައިވާ ކަޝްމީރުގެ ނޫސްވެރިންނަކީ ސަރަހައްދީ އަދި ގައުމީ އޮތޯރިޓީތަކުގެ ނޫފޫޒުގެ ދަށުން، ގާތުން ބެލުމުގެ ދަށުގައި ތިބޭ ބައެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ. އަދި އެސަރަހައްދަ ދަތުރުކުރަން ބޭނުންވާ ބޭރުގެ ރިޕޯޓަރުންނަށްވެސް ހުރަސްއެޅޭނެގޮތަށް ހަރުކަށިކޮށް އުސޫލުތަކެއް ގާއިމުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން