އިންޑޮނޭޝިއާގައި 99 ކުދިން މަރުވުމާއެކު، ކުޑަކުދިންނަށްދޭ ހުރިހާ ވައްތަރެއްގެ ދިޔާ ބޭސް ބޭނުންކުރުން މަނާކޮށްފިއެވެ.

ކުޑަކުދިންނަށް ދޭ ބޭސް ބޭނުން ކުރުން މަނާކޮށް މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ވަނީ އެކަން ކުރީ ކިޑްނީ މައްސަލަ ޖެހިގެން މަރުވާ ކުދިންގެ އަދަދު ޖެނުއަރީ މަހުން ފެށިގެން ސަބަބެއް ނެތި އިތުރުވެފައިވާތީކަމަށް އިންޑޮނޭަޝިއާގެ ކަމާބެހޭ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ. އަދި އިންޑޮނޭޝިއާގެ ސިއްހީ ވުޒާރާތަކުން މިކަން ތަހުގީގު ކުރަމުންދާކަމަށްވެސް އިންޑޮނޭޝިއާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކިޑްނީ މައްސަލަ ޖެހިގެން މަރުވާ ކުދިންގެ އަދަދު ގިނަވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު މަންސީރް ވިދާޅުވީ، "މިހާތަނަށް 20 ޕްރޮވިންސަކުން 206 ކޭސް ރިޕޯޓުކޮށްފައިވާއިރު 99 މަރެއް ރިޕޯޓުކޮށްފައިވާ" ކަމަށެވެ.

އެގޮތުން "ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ މަރުކަޒުތަކުގައި ތިބޭ ހުރިހާ ސިއްހީ ހިދުމަތްތެރިންވެސް ވަގުތީ ގޮތުން ލިކުއިޑް މެޑިސިން ނުވަތަ ޝިރަޕް ނުދިނުމަށް މިނިސްޓްރީން އެދިފައިވާނެ. އަދި ބޭސްފިހާރަތަކުން ވެސް ތަހުގީގު ނިމެންދެން ނޮން ޕްރިސްކްރިޕްޝަން ލިކުއިޑް މެޑިސިން ނުވަތަ ޝިރަޕް ވިއްކުން ވަގުތީ ގޮތުން ހުއްޓާލަން އެދިފައިވާނެ،" ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑޮނޭޝިއާގައި ކިޑްނީ ބަލިޖެހިގެން މަރުވާ ކުޑަކުދިންގެ އަދަދު އިތުރުވެފައިވަނީ އިންޑިއާގައި އުފައްދާ، ހުމުގެ ފަރުވާއަށް ބޭނުންކުރާ ދިޔާ ބޭސްތަކެއްގައި ނުރައްކާތެރި މާއްދާއެއް އިތުރުވުމާއި ގުޅިގެން އެބޭސްތައް ބޭނުންކުރި ކުދިންގެ ތެރެއިން 70 ކުއްޖަކު ކިޑްނީ ބަލީގައި މަރުވި މައްސަލަ ގެމްބިއާގެ ސަރުކާރުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ގެމްބިއާގައި ފާހަގަކުރެވުނު ބޭސްތަކާއި، އިންޑޮނޭޝިއާ އާއި ގުޅުމެއް ނެތް ކަމަށާއި، އެބޭސްތަކަކީ އިންޑޮނޭޝިއާގައި ވިއްކުމަށް ހުއްދަދީފައި ނުވާ ބޭސްތަކެއްކަމަށްވެސް އިންޑޮނޭޝިއާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން