ޗައިނާގެ ވެރިކަންކުރާ ޕާޓީ، ކޮމިއުނިސްޓު ޕާޓީ އޮފް ޗައިނާގެ ކޮންގްރެސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުން އެ ގައުމުގެ ކުރީގެ ރައީސް ހޫ ޖިން ޓާއޯ ނެރެލައިފިއެވެ.

ޗައިނާގެ މިހާރު ރައީސް ޝީ ޖިން ޕިންގެ ކުރިން ވެރިކަމުގައި ހުންނެވި ހޫޖިންޓާއޯ ސީޕީސީގެ ކޮންގްރެސްއިން ނެރޭ މަންޒަރު ފެންނަ ވީޑިއޯ އާއްމުވެފައިވާއިރު އެކަން ވަނީ ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީއަށް އަރާފައެވެ.

ގިނަ ބަޔަކު އެންމެ ބޮޑަށް މިކަމުގައި ސުވާލު ކުރަނީ ވެގެން އުޅޭ ގޮތެއް ނޭނގިގެންނެވެ. ނަމަވެސް މިހާތަނަށް ޗައިނާ ސަރުކާރުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި ސީޕީސީގެ ކޮންގްރެސް ނިންމުމަށް ގްރޭޓް ހޯލް އޮފް ޗައިނާގައި ބޭއްވި ރަސްމިއްޔާތުގައި އުމުރުން 79 އަހަރުގެ ހޫޖިންޓާއޯ އިންނެވީ ސްޓޭޖްމަތީގައި، ރައީސް ޝީ ޖިންޕިން އަރިހުގައެވެ. އަދި ކޮންގްރެސް ކަވަރުކުރުމަށް ޗައިނާގައި ތިބި ބޭރުގެ ނޫސްވެރިން އެ ހޯލަށް ވެއްދިތާ މާގިނައިރުތަކެއް ނުވަނީސް ދެން ފެނިގެންދިޔައީ ސީޕީސީގެ ދެ އޮފިޝަލަކު އައިސް ހޫޖިންޓާއޯ އިންނެވި ގޮނޑިން ތެދުވާން އަންގަމުންދިޔަ މަންޒަރެވެ. ދުނިޔޭގެ ސަމާލުކަމަށް މިކަން އައީ ބޭރުގެ ނޫސްވެރިން އެތާނގައި ތިއްބާ މިކަން ހިނގުމުންނެވެ.



ވީޑިއޯތަކުން ފެންނަ ހޫޖިންޓާއޯ އިންނެވި ގޮނޑިން ނުތެދުވުމުން އޭނާ ގަދަކަމުން ނަގަންވެސް ދެ އޮފިޝަލުން މަސައްކަތްކުރިއެވެ. ނަމަވެސް އިރުތަކެއް ފަހުން އޭނާ ވަނީ އަމިއްލައަށް ތެދުވެވަޑައިގެންފައެވެ. އަދި ވަޑައިގަންނަވަމުން ރައީސް ޝީޖިންޕިން އަރިހުގައި އެއްޗެއް ވިދާޅުވާ މަންޒަރުވެސް ފެނެއެވެ. ނަމަވެސް ރައީސް ޝީގެ ފަރާތުން މާބޮޑު ނުތަނަވަސްކަމެެއް ފެނިފައެއް ނުވެއެވެ.

މީގެ ހަފްތާއެއް ކުރިން ސީޕީސީގެ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ހޫޖިންޓާއޯ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންނެވީވެސް ރައީސް ޝީގެ އަރިހުގައެވެ.

ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ ބޮޑެތި ޖަލްސާތަކަކި ރަނގަޅު އިންތިޒާމެއްގެ ދަށުން ހިނގާ ކަމަކަށްވާއިރު، ބޭރުގެ މީޑިއާތައް ޖަލްސާއަށް ވެއްދުމަށްފަހު، އެ މީހުންގެ ކުރިމަތީގައި ހޫޖިންޓާއޯ ޖަލްސާއިން ނެރެލުމަކީ ދުރާލާ ރޭވިގެން ހިނގިކަމެއްކަމަށް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އަސްލު ވީގޮތެއް އޮތީ ނޭގުމެއްގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން