އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކްއަށް ތާއީދު އިތުރުވަމުންދާކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް އަނެއްކާވެސް ފެށިފައި މިވަނީ މިދިޔަމަހު މަގާމާއި ހަވާލުވި ލިޒް ޓްރަސް އެމަގާމުން މިމަހުގެ 20 ވަނަ ދުވަހު އިސްތިއުފާ ދެއްވަން ނިންމެވުމުންނެވެ. 45 ދުވަހަށްފަހު މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމުން ލިޒް ވެފައިވަނީ އިނގިރޭސި ތާރީހުގައި އެންމެ ކުރު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއަށެވެ.

ބޮޑުވަޒީރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ބޮޑުވަޒީރަކަށް ޢައްޔަން ކުރާނެ ބޭފުޅެއް ކަނޑައަޅާނީ ގާނޫނުގައި ހަދާ މަޖިލީހުގައި އަގްލަބިއްޔަތު އޮންނަ އަދި ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓެއްގައެވެ.

ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބާއްވާ މި އިންތިހާބުގައި ވާދަކުރުމަށް މަދުވެގެން 100 މެމްބަރުންގެ ތާއީދު ބޭނުންވެއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާގޮތުން މިހާތަނަށް އެންމެ ގިނަ މެމްބަރުންގެ ތާއީދު ލިބިވަޑައިގެންފައިވަނީ ކުރީގެ މާލީ ވަޒީރު ނުވަތަ ޗާންސެލަރ ރިޝީ ސުނަކްއަށެވެ. އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ރިޝީއަށް ގާނޫނު ހަދާ މަޖިލީހުގެ 130 އަށްވުރެ ގިނަ މެމްބަރުންގެ ތާއީދު ލިބިފައިވާކަމަށް ބީބީސީން ބުނެއެވެ. އެނާއަކީ މިދިޔަމަހު ބޮޑުވަޒީރެއް އައްޔަންކުރަން ބޭއްވި ރޭހުގައިވެސް ބައިވެރިވި ކެންޑިޑޭޓެކެވެ.



ރިޝީ ސުނަކްގެ އިތުރުން ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވެސް އިންތިހާބުގައި ވާދަކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އޭނާއަށް މިހާތަނަށް ލިބިފައިވަނީ 50 ވަރަކަށް މެމްބަރުންގެ ވޯޓެވެ. އިންތިހާބުގައި ދެން ވާދަކުރައްވާނެކަން ދެން އިއުލާންކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެ މެޖޯރިޓީީ ލީޑަރު ޕެނީ މޯޑަންޓްއެވެ. އެކަމަނާއަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 23 މެމްބަރުންގެ ތާއީދެެވެ.

100 މެމްބަރުންގެ ތާއީދު ހޯދުމަށް ކަނޑައަޅާފައިވާ ސުންގަޑި މާދަމާ ހަމަވާނެއެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައެޅުމުގެ މަސައްކަތް ފަށާނީ އެއަށްފަހުއެވެ.

ބޮޑުވަޒީރުކަމުގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވަމުން ލިޒް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އޭނާއާ ހަވާލުކޮށްފައިވާ ޒިންމާ އަދާނުކުރެވޭނެކަން އަދާނުކުރެއްވޭނެތީކަމަށެވެ. އަދި އެކަން ރަސްގެފާނު ޗާލްސްއަށް އަންގާފައިވާކަމަށްވެސް ލިޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން