ވެރިކަމުގެ 3 ވަނަ ދައުރެއް ޗައިނާގެ ރައީސް ޝީ ޖިން ޕިންއަށް ދިނުމަށް އެ ގައުމުގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްއިން ނިންމައިފިއެވެ.

ވެރިކަމުގެ 3 ވަނަ ދައުރެއް ރައީސް ޝީއަށް ދިނުމަށް ކޮމިއުނިސްޓު ޕާޓީގެ ކޮންގްރެސްއިން ނިންމިއިރު، މިއީ ކޮމިއުނިސްޓު ޕާޓީއާއި ޗައިނާގެ ބާނީ މާއޯ ޒެޑޮންގއަށް ފަހު ވެރިކަމުގެ 3 ވަނަ ދައުރެއް ލިބިވަޑައިގަންނަވާ ޗައިނާގެ ހަމައެކަނި ރައީސެވެ.

އިތުރު ދައުރެއް ވެރިކަމުގައި ހުންނަވަން ލިބިވަޑައިގެންނެވިއިރު، ކޮމިއުނިސްޓު ޕާޓީގެ އެންމެ ބާރުގަދަ ގުނަންކަމަށްވާ، ޕޮލިޓިބިއުރޯ ސްޓޭންޑިންގ ކޮމިޓީގައި ރައީސް ޝީއާއެކު ދެން ތިއްބަވާ 6 ބޭފުޅުންގެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް ޝީއަށް ވަރަށް ވަފާތެރި 6 ބޭފުޅެކެވެ.

މި ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި 2 ބޭފުޅަކު ފިޔަވައި އެހެން ހުރިހާ ބޭފުންނަކީ މި ކޮމިޓީއަށް އައު ބޭފުޅުންނެވެ. ނަމަވެސް ތައުލީމާއި ތަޖުރީބާއަށް ބަލާއިރު އެއީ ވަރަށް ފުންނާބު އުސް ބޭފުޅުންތަކެކެވެ.

ޕޮލިޓިބިއުރޯ ސްޓޭންޑިންގ ކޮމިޓީއަކީ ޗައިނާގެ ކެބިނެޓާއި ގާތްގަނޑަކަށް އެއްވަރެއްގެ ބާރުތަކެއް ލިބިފައިވާ ކޮމިޓީއެކެވެ. އަދި ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްވެސް އަންނަނީ މި ކޮމިޓީގެ ތެރެއިންކަމަށްވެސް ބެލެވެއެވެ.

ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ސީޕީސީގެ ކޮންގްރެސްގައި 2300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.

ރައީސް ޝީ ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަށް ސީޕީސީގެ މަންދޫބުން ކުރެއްވި އިތުބާރަށް ޝުކުރު ދަންނަވާފައެވެ.

ވެރިކަމުގެ 3 ވަނަ ދައުރަކަށް ހޮވިވަޑައިގަތުމާއި ގުޅިގެން ރައީސް ޝީއަށް އެންމެ ފުަރަތަމަ މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕުޓިންއާއި ނޯތު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އެވެ.

1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސްލީޑަރުގެ މަގާމަށް، ނުވަތަ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް، ރައީސް ޝީ ޖިންޕިން އިންތިހާބުވެވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. އަދި ޗައިނާގެ ރައީސްކަމުގެ މަގާމާއި އެމަނިކުފާނު ރަސްމީގޮތުން ހަވާލުވެވަޑައިގެންނެވީ 2013 ވަނަ އަހަރުއެވެ.

ޗައިނާގެ އެންމެ އިސް ލީޑަރުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައިވެސް އެމަނިކުފާނު ވަނީ ޗައިނާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމަށް ޗައިނާ ބަދަލުކޮށް، އެ ގައުމުގެ ރައްޔިތުންނަށް އުފާފާގަތި މުސްތަގްބަލެއް ހޯއްދަވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ރައީސް ޝީ ޖިންޕިންގެ ކާމިޔާބު ޒައާމަތާއެކު ޗައިނާއިން ވަނީ އެ ގައުމަށް އިޖްތިމާއި، ސިޔާސީ، އުމްރާނީ އަދި އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން މީގެކުރިން ހޯދާފައިނުވާހާފަދަ ކާމިޔާބުތަކެއް ހޯއްދަަވައިދެއްވާފައެވެ.

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަނާއި ދެކޮޅަށް ރައީސް ޝީ ފެއްޓެވި މަސައްކަތުގައި އެމަނިކުފާނު ހޯއްދެވި ކާމިޔާބީއަކީ އެމަނިކުފާނުގެ އެންމެ ބޮޑެތި ކާމިޔާބީތަކުގައި ހިމެނޭނެ ކާމިޔާބީއެކެވެ.

އިގްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުން ގައުމަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ރައީސް ޝީ ޖިންޕިން އެންމެ ބޮޑަށް ކުރެއްވި އެއް މަސައްކަތްޕުޅަކީ އެ ގައުމުގެ ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަކުރުމެވެ.

ވޯލްޑް ބޭންކުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރައީސް ޝީ ޖިންޕިންގެ ޒައާމަތުގައި މިވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޗައިނާގެ ގައުމީ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހޭ މިންވަރު ވަނީ 2 ގުނައަށް އިތުރުވެގެންގޮސްފައެވެ. މިއާއެކު އެ ގައުމުގެ ރައްޔިތުން ރައީސް ޝީ ޖިންޕިންގެ ސަރުކާރަށް ކުރާ ތާއީދު އެތައް ގުނައަކުން ވަނީ އިތުރުވެފައިކަމަށް ދިރާސާތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން