އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އިންޑިއާ ދަރިކޮޅުގެ ހިންދޫއެއްކަމަށްވާ ރިޝީ ސުނަކް ހޮވުމާއި ގުޅިގެން އެތައް ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. ހާއްސަކޮށް އިންޑިއާ މީހުންނެވެ. ނަމަވެސް މިކަމުގައި ގިނަ ބަޔަކަށް އޮތީ ވަރަށް ބޮޑު އޮޅުމެއް އަރާފައެވެ. ރިޝީ ސުނަކް އިނގިރޭސި ބޮޑުވަޒީރަކަށް އިންތިހާބުވީ ރައްޔިތުންގެ ވޯޓަކުން ނޫނެވެ. އޭނާ އެ މަގާމަށް އޮޓޮމެޓިކުން ހޮވުނީއެވެ.

އުމުރުން 42 އަހަރުގެ ރިޝީ ސުނަކްއަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމު ލިބިވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި ލިޒް ޓްރަސް އިސްތިއުފާ ދެއްވުމުންނެވެ.

އިނގިރޭސިވިލާތުގައި ކަންކަން ހިނގާ ގޮތުން ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އަންނާނެ ބޭފުޅެއް ކަނޑައަޅާނީ ވެރިކަން ކުރާ ޕާޓީންނެެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ އަގްލަބިއްޔަތު އޮތުމުންނެވެ. އެހެންކަމުން އިތުރު ޕާޓީތަކުން އެކަމާއި ނުވެސް އުޅޭނެއެވެ.

ލިޒް އިސްތިއުފާ ދެއްވުމުން ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބޮޑުވަޒީރުކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ވާދަކުރެއްވޭނެއެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މަދުވެގެން 100 މެމްބަރުންގެ ތާއީދު ބޭނުންވާނެއެވެ.

ލިޒްއަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދިޔަ 100 މެންބަރުންގެ ތާއީދު އޮތްކަން ދައްކަން އިއްޔެއާ ހަމައަށް އޮތީ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އެކަމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރު 100 މެމްބަރުންގެ ތާއީދު ލިބުނީ ރިޝީ ސުނަކްއަށް އެކަންޏެވެ. ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވެސް ވަކި ހިސާބަކުން ބޮޑުވަޒީރުކަމުގެ ރޭހުން ނިކުމެވަޑައިގަތެވެ. އަދި ރިޝީއާ ދެން ވާދަކުރެއްވި އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެ މެޖޯރިޓީީ ލީޑަރު ޕެނީ މޯޑަންޓްއެވެ. އެކަމަނާއަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 23 މެމްބަރުންގެ ތާއީދެެވެ.

ވަގުތު ހަމަވިއިރު ބޮޑުވަޒީރުކަމުގެ މަގާމަށް އަންނަން ބޭނުންވާ ވަރަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތާއީދު ލިބުނީ ރިޝީއަށް އެކަންޏެވެ. އެހެންކަމުން ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައިވެސް އިތުރު ވޯޓަކަށް ނުގޮސް، ރިޝީއަށް ބޮޑުވަޒީރުކަން ދޭން އިނގިރޭސި ވިލާތުގެ ވެރިކަން ކުރާ ޕާޓީން ނިންމީއެވެ. ދޮން ނަސްލުގެ އަގްލަބިއްޔަތު އޮންނަ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމު އިންޑިއާ ދަރިކޮޅުގެ ރިޝީ ސުނަކްއަށް މިހާ ފަސޭހަައިން ލިބިވަޑައިގަތީ މި ސަބަބާއި ހެދިއެެވެ. ރައްޔިތުންގެ ވޯޓަކަށް ދިޔަނަމަ މިއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ނަމަވެސް ބަރުލަމާނީ ނިޒާމުގައި މިކަން ހިނގާނީ މިއުސޫލުންނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައު ބޭފުޅަކު އައްޔަންކުރަން ނިންމާފައި މިވަނީ މިދިޔަމަހު މަގާމާއި ހަވާލުވެ ވަޑައިގެންނެވި ލިޒް ޓްރަސް އެމަގާމުން މިމަހުގެ 20 ވަނަ ދުވަހު އިސްތިއުފާ ދެއްވަން ނިންމެވުމުންނެވެ. 45 ދުވަހަށްފަހު މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމުން ލިޒް ވެފައިވަނީ އިނގިރޭސި ތާރީހުގައި އެންމެ ކުރު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން